ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމުގައި އަންހެނުންނަށްވެސް އަދި ޒުވާނުންނަށްވެސް 10 އިންސައްތަ ގޮނޑި ޚާއްސަކުރުމަށް ފެނިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ވަނީ މިކަމުގައި ޒުވާނުންނާއި އަންހެނުން އަޖި ޖުމްލަ ގޮތެއްގައި ރައްޔިތުންގެ ޚިޔާލު ބޭނުންވާކަމަށް ވިދާޅުވެފައެވެ.
އެސްޕްރެސޯ ވިތު ރައީސް ހަރަކާތްތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ ތިން ބާރުވަކިވެފައި އޮންނަ ނިޒާމުގެ ތެރޭގައި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މަޤާމުތަކަށް ނުހޮވުމުގެ ސަބަބުން ޒުވާނުންނާއި އަންހެނުން ނިޒާމުގެ ތެރޭގައި ތަމްސީލު ނުވާކަމަށެވެ. އެހެން ކަމުން ވިސްނުމަކީ ރައްޔިތުންގެ މަޖިލީހުގައި ވަކި ކޯޓާއެއް ޒުވާނުންނާއި އަންހެނުންނަށް ކަނޑައެޅިފައި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ އިތުރު ތަފްސީލް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިކަމަކީ މިވަގުތު މަޝްވަރާ ކުރެވޭ ކަމަކަށްވުމުން، އެކަމުގައި ރައްޔިތުންނާއި ޙާއްސަކޮށް ޒުވާނުން އަދި އެނޫންވެސް ފަރާތްތަކުގެ ވިސްނުން ބައްލަން ބޭނުންފުޅުވާ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅިއްޖެ ނަމަ މިއީ ޤައުމުގެ ކަންކަން ނިންމުމުގެ އެންމެ މުހިއްމު މުޢައްސަސާ ތެރެއަށް ވަދެވި ބާރުވެރިވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ޚުދު އެމަނިކުފާނު ޚިޔާލުފުޅު މިކަމުގައި ހުންނެވި ގޮތް ހިއްސާކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނެ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ 20 އިންސައްތަ ޒުވާނުންނާއި އަންހެނުންނަށް ޙާއްސަ ކުރެއްވުން ރަނގަޅެވެ.
"އަޅުގަނޑުގެ ވިސްނުމުގައި އޮތީ 10 އިންސައްތަ. 10 އިންސައްތަ އަންހެނުން ބޭފުޅުންނަށް. މިހާރުގެ މަޖިލީހުގައި 93 މެންބަރު އެބަތިބި. އަޅުގަނޑުގެ ރިފޯމް ޕްރޮސެސް ތެރޭ އެއަދަދު އިތުރުނުވާ ގޮތް ހަދަންވެސް ގަސްތުކުރަން. މިހާރު މިއޮތީ 93 ގޮންޑި، އޭގެތެރެއިން 9 މެންބަރުން ޒުވާން ބޭފުޅުން، އެއީ 30 އަހަރުން ދަށުގެ. 9 މެންބަރުން އަންހެން މެންބަރުން މިސާލަކަށް މިހެން ޑިސްކަސް ކުރަންޏާ ބުނަންވީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ މިކަން ކުރެވޭނެ އެންމެ އިންސާފުވެރި ގޮތަކީ ކޮބާތޯ ބަލަންވެސް ޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް މިކަން ކުރުމަށް އެންމެ އިންސާފުވެރި ގޮތަކަށް ފެނިވަޑައިގަންނަނީ ގުރުއަތު ނަގައިގެން ދާއިރާތައް ކަނޑައެޅުން ކަމަށެވެ. މިއީ މިހާރުވެސް ކައުންސިލް މެންބަރުން އިންތިޚާބު ކުރުމުގައި ޢަމަލުކުރަމުންދާ އުސޫލެއްކަން އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު އޮންނަ ގޮތުން ކައުންސިލްތައް އިންތިޚާބު ކުރާއިރު އެ ކައުންސިލް ދައިރާއެއްގެ އަންހެނުންނަށް ޙާއްސަ ގޮނޑި ކަނޑައަޅަނީ ދައުރުވަމުންދާ ގޮތަށެވެ.
މިހާރު އޮންނަ ނިޒާމުގެ ތެރޭގައި ޒުވާނުންނާއި އަންހެނުންނަށްވެސް މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނަކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ އެގޮތަށް އޮންނަމަވެސް ޤާބިލް ޒުވާނުންނާއި އަންހެނުން ހޮވުމުގެ ފުރުސަތު ވަރަށް ހަނިކަމަށެވެ. އެހެންނަމަވެސް އެކި ސަބަބުތަކާއި ހުރި ރައްޔިތުންތެރެއިން އެފަރާތްތަށް ހޮވިގެން ނުދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"މިހާރު މިއޮންނަ ގޮތުން ކުރިމަތިލައިގެން ވަރަށް ގިނަ ހުރަސްތައް ކުރިމަތިވޭ. އަޅުގަނޑުމެން ތެރޭގައި މެއިން ސްޓްރީމް ކުރުމުގެ ފުރުސަތު އެހާބޮޑަކަށް ނުލިބޭ. އެފުރުސަތު ލިބެންޖެހޭ. މިއަށް ކިޔަނީ ޕޮޒިޓިވް ޑިސްކްރިމިނޭޝަން. އަޅުގަނޑު ޤަބޫލުކުރަނީ ދައުލަތުން ނުވަތަ ސަރުކާރުން މި ފުރުސަތު ފަހިކޮށްދޭންޖެހޭ. މިހާރު އޮންނަ ގޮތުން ކުރިމަތިލެވޭ އެހެންނަނަމަވެސް ވަރަށް ގިނަ ކަމުނުދާ ސަބަބުތަކާއި ހެދީ ރައްޔިތުންގެ ތެރެއިން ހޮވިގެން ނާދޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ އާބާދީއަށް ބަލާއިރު ޒުވާނުންނަކީ 39 އިންސައްތައަށްވާއިރު އަންހެނުން 49 އިންސައްތަ ހިއްސާކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އެފަރާތްތައް ތަމްސީލުކުރަން ވަކި އިންސައްތައެއް ޚާއްސަކުރުމަކީ މުހިންމުކަމެއްކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޒުވާނުންނާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަނޑައެޅުމަކީ މިހާރު ނެގުމަށް މަސައްކަތް ކުރާ އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާއި ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނު ވަނީ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް މި އިސްލާހު ގެނައުމަށް ހުށަހަޅުވަން ގަސްތުކުރައްވާކަމަށް ވިދާޅުވެފައެވެ.