ކުޅިވަރު

ބެލްޖިއަމް އަތުން އެމެރިކާ އަށް ބޮޑު ބައްޔެއް


އަންނަ ޖޫން މަހު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާ މައި ގައުމު ކަމަށްވާ އެމެރިކާ ބޮޑު ތަފާތަކުން ބެލްޖިއަމް އަތުން ބަލިވެއްޖެ އެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުން އެމެރިކާ ބަލިވީ 5-2އިންނެވެ. ނަމަވެސް މި ނަތީޖާ އަށް ފަހު ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ވަނީ ޓީމުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަ ދައްކައިފަ އެވެ.

"ރަނގަޅު މިއީ ތަފާތުތަކެއް ހުރި ނަތީޖާއެއް. އެކަމަކު ހަމައެކަނި ނަތީޖާ އަށް ނުބަލައި މި މެޗުގެ އެކިއެކި ކަންކަމަށް ބަލައިފިއްޔާ ފެންނާނެ އަހަރުމެން ރަނގަޅަށް ކުރި އެތައް ކަމެއް. މި މެޗުން އެނގިގެންދިޔަ އެއް ކަމަކީ އަހަރުމެންނަށް މި ފެންވަރުގެ ޓީމުތަކާ ވާދަ ކުރެވިދާނެކަން،" ޕޮޗެޓީނޯ ބުންޏެވެ.

ނަމަވެސް ވޯލްޑް ކަޕް މިހާ ގާތްވެފައިވަނިކޮށް މި ފަދަ ނަތީޖާއެއް ކުރިމަތިވުމަކީ މުބާރާތުގައި އެމެރިކާ އުއްމީދު ކުރާ ނަތިޖާ ނުނެރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން މިހާރު ވަނީ ދެކެން ފަށައިފަ އެވެ. ނަމަވެސް ކޯޗު މިކަމާ އެއްބަހެއް ނޫނެވެ.

"މުބާރާތަކީ މުޅިން ތަފާތު ކަމެއް. މުބާރާތުގައި ހުރިހާ ގައުމެއް ވެސް ތަފާތު ވާނެ. ބެލްޖިއަމް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. އަހަރުމެން މިއަދު ބަލިވި ނަމަވެސް ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކޮށްގެން މުބާރާތަށް ނުކުންނާނީ މުޅިން ބަދަލުވެފައިވާ ވިސްނުމަކާއެކު. އަހަރެން ގަބޫލު ކުރާ ގޮތުގައި މުބާރާތުގެ ނަތީޖާ މިއަށްވުރެ ރަނގަޅު ވާނެ،" ޕޮޗެޓީނޯ ބުންޏެވެ.

ކުރިން އިނގިރޭސިވިލާތުގެ ޓޮޓެމްހަމަށް ކޯޗުކޮށްދިން ކޯޗު ވޯލްޑް ކަޕަށް ފަހު އެމެރިކާގެ ކޯޗުކަމުގައި ނުހުންނާނެ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފަ އެވެ. މި ގޮތުން އޭނާ އެނބުރި ޓޮޓެންހަމަށް ހިނގައިދާނެ ކަމަށް ވެސް މީޑިއާތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

މީގެ 74 ދުވަސް ފަހުން ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުޅޭނީ އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގަ އެވެ.