ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އަށް މިއަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފިއެވެ. 8.2 މިލިއަން ރުފިޔާގެ މިބަޖެޓު ފާސްކޮށްފައިވަނީ އެ އެސޯސިއޭޝަނުގެ އަހަރީ އާއްމު ޖަލްސާގައެވެ.
ހޮނިހިރު ދުވަހުގެރޭ ހެންވޭރު ބޯޅަގޭގައި ބޭއްވި ޓީޓީއޭއެމްގެ އަހަރީ އާންމު ޖަލްސާގައިވަނީ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓު އަދި ޙަރަދު ރިޕޯޓު ހުށަހަޅާފައެވެ.
ޓީޓީއޭއެމްގެ މެންބަރު ކުލަބުތަކުން ބައިވެރިވި މި ޖަލްސާގައިވަނީ މިއަހަރުގެ ކަލަންޑަރުވެސް ފާސްކޮށްފައެވެ. އަދި އެ އެސޯސިއޭޝަނަށް އޮޑިޓަރެއް އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ.
މިއަހަރު ޓޭބަލް ޓެނިހުގައި ރާއްޖެއިން ބައިވެރިވާން ނިންމާފައިވާ ބައިނަލްއަގްވާމީ މުބާރާތްތަކުގެ ތެރޭގައި ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އިތުރުން ޖޫން 22-28 އަށް ޕިޔޮންގޔަންގައި ބާއްވާ އޭޝިއާ ޔޫތު ޗެމްޕިއަންޝިޕް ހިމެނެއެވެ.
އަދި ސެޕްޓެމްބަރުގައި ޖަޕާނުގެ ނަގޯޔާގައި ބާއްވާ 20 ވަނަ އޭޝިއަން ގޭމްސް އާއި އޮކްޓޫބަރުގައި އުޒްބަކިސްތާނުގައި ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕާއި ނޮވެމްބަރުގައި ބާއްވާ 6 ވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް - ރެޕިޑް 2026 ގައި ބައިވެރިވާނެއެވެ.