ޚަބަރު

"އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓްކުރުމަކީ އެންމެ މުހިންމު ދައުރު"


  • މިމަޝްރޫޢުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާއަށް ދިރުން ލިބިގެންދާނެ

  • ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ކަށަވަރު ކުރެވޭނެ މާޝްރޫޢެއް

ޤައުމެއްގެ އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓްކޮށް ދިރިއުމުގެ ފެންވަރު މަތިކޮށްދިނުމަކީ ޤައުމީ ބޭންކެއްގެ އެންމެ މުހިންމު ދައުރުކަމަށް ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ހިންގަމުންދާ އެފޯޑަބަލް ހައުސިން މަޝްރުޢޫގެ ދަށުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ 182 ހައުސިން ޔުނިޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމީއްޔާތުގައި ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވަނީ ބޯހިޔާވަހިކަމާޢި ބޭންކާޢި ދެމެދު އޮތް ގުޅުމަށް އަލިއަޅުވާލައްވާފައެވެ. ޤައުމެއްގެ އިޤްތިޞާދީ ކުރިއެރުން އެ ޤައުމެއްގެ ބޭންކިން ނިޒާމާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށް، ސީއީއޯ ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤައުމީ ބޭންކެއްގެ މަސްއޫލިއްޔަތަކީ ހަމައެކަނި މަންފާ ހޯދުމެއް ނޫން ކަމަށެވެ.

"ޤައުމެއްގެ އިޤްތިޞާދު ކުރިއެރުވުމާއި ޤައުމެއްގެ ބޭންކިން ނިޒާމާއި ވަނީ ގުޅިލާމެހިފައި. އަޅުގަނޑު ދެކޭ ގޮތުގައި ބޭންކުގެ އެންމެ އިސް މަސްއޫލިއްޔަތަކީ ހަަމައެކަނީ މާލީ ފައިދާ ހޯދުމެއް ނޫން. އޭގެ ބަދަލުގައި ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އިންވެސްޓްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ކުރުމަކީ ޤައުމީ ބޭންކުގެ އެންމެ މުހިންމު ދައުރެއް." ޝަރީފް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުއަކީ ބޭންކުގެ މިމަސްއޫލިއަތު އަދާކުރުމަށް މަގުފަހިކުރާ މަޝްރޫޢެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ޑިމާންޑާއި އެއްވަރަށް މާލެ ސަރަހައްދުގައި ބޯހިޔާވަހިކަން ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަން ޖެހިފައިވާ މާލީ ދަތިތަކަށް މިމަޝްރޫޢުގެ ތެރެއިން ހައްލެއް ލިބޭނެ ކަމަށް ބީއެމްއެލް ސީއީއޯ ވިދާޅުވިއެވެ. ސީއީއޯ ޝަރީފް ވިދާޅުވީ، މިފަދަ މަސައްކަތްތަކުގެ ތެރެއިން ކަސްޓަމަރުންނަށް ލިބޭ ކޮންމެ ތަނަވަސްކަމަކީ ބޭންކަށްވެސް ލިބޭ މަންފާއެއް ކަމަށެވެ.

މީގެ އިތުރުން މިމަޝްރޫޢަށް އިންވެސްޓް ކުރުމަކީ އިމާރާތް ކުރުމުގެ ދައިރާއަށް ދިރުން ގެނުވާ އިޖުތިމާޢީ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް މަގުފަހިވާ ކަމެއްކަމުގައި ބީއެމްއެލްގެ ސީއީއޯ ފާހަގަކުރެއްވިއެވެ.

"ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބޭންކް އޮފް މޯލްޑިވްސް އިން ޤައުމީ ތަރައްޤީ ރަމްޒުކޮށްދޭ އެންމެ އަލިގަދަ ހެކި. މިފަދަ މަޝްރޫޢުތަކަށް އިންވެސްޓް ކުރުމަކީ އިމާރާތްކުރުމުގެ ކުރުމުގެ ދައިރާއަށް ދިރުމެއް ލިބި، އެތައް އާއިލާއަކަށް އަތްފޯރާ ފަށުގައި، އަމިއްލަ ބޯހިޔާވަހިކަން ކަށަވަރުވެ މުޖްތަމައު އެކި ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް." ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލްއިން ވަނީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހެޔޮ އަގުގައި ބޯހިޔާވަހިކަން ލިބުމަށް މަގުފަހިވާކަން ފާހަގަކޮށްފަެވެ.

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން 3260 އެޕާޓްމެންޓް މާލެ ސަރަހައްދުގައި ތަރައްޤީކުރާނެއެވެ. އޭގެ މިރޭ ހަވާލުކުރެވިގެން މިދިޔާ އެފް ޑަބްލުއު ކޮންސްޓްރަކްޝަނާއި ހަވާލުކޯށްގެ ތަރައްޤީކުރާ 182 އެޕާޓްމެންޓެވެ. މިމާޝްރޫޢު 2028 ވަނަ އަހަރުގެ މެދެއްހާ ހިސާބަށް ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ކޮންޓްރެކްޓަރާއި ހަވާލާދީ ވިދާޅުވެފައެވެ.