ޚަބަރު

ޓޮޓްނަމްގެ ކޯޗު ކަމުން 44 ދުވަހަށްފަހު ޓޫޑޯ އިސްތިއުފާ ދީފި


އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވި އިގޯ ޓޫޑޯ 44 ދުވަހަށްފަހު އެ މަގާމުން އިސްތިއުފާ ދީފި އެވެ.

ކްރޮއޭޝިޔާ އަށް އުފަން ޓޫޑޯ މަގާމުން ވަކިވެފައިވާކަން އިއުލާންކޮށް ޓޮޓްނަމް އިން ބުނެފައިވަނީ ދެފަރާތުން މަޝްވަރާ ކުރުމަށްފަހު އޭނާ މަގާމުން ވަކިވެފައިވާ ކަމަށެވެ. ޓޫޑޯ ޓޮޓްނަމްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެފައިވަނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކުރިން އެ މަގާމުގައި ހުރި ތޯމަސް ފްރޭންކް ކޯޗުކަމުން ވަކިކުރުމަށްފަހުގައި މި ސީޒަނުގެ ނިޔަލަށެވެ.

ޓޫޑޯ މަގާމުން ވަކިކުރުމަށް އެ ކްލަބުން ނިންމާފައިވަނީ މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ނުހޯދި ރެލިގޭޝަނުން ސަލާމަތްވުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ނޮޓިންހަމް ފޮރެސްޓް އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު 3-0 ގެ ނަތީޖާއަކުން ބަލިވުމާއި ގުޅިގެންނެވެ.

ޓޮޓްނަމް ހޮޓްސްޕަރ މި ސީޒަނުގައި މިހާތަނަށް ޕްރިމިއާ ލީގުގައި 31 މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 30 ޕޮއިންޓާއެކު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. ރެލިގޭޝަން ޒޯނުގައި އޮތް ވެސްޓްހޭމް އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.

ޓޫޑޯގެ އިރުޝާދުގެ ދަށުން ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޓޮޓްނަމް އިން ބުނެފައިވަނީ އެ ޓީމުގެ ކޯޗު ކަމަށް ވަރަށް އަވަހަށް މީހަކު ހަމަޖައްސާނެ ކަމަށެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަރނޭޝަނަލް ބްރޭކް ނިމުމުގެ ކުރިން އެ ޓީމުން ކޯޗެއް ހަމަޖައްސާނެ އެވެ. އެގޮތުން ކޯޗު ކަމަށް ހަމަޖެއްސުން އެންމެ ގާތީ ކުރިން ބްރައިޓަންގެ އިތުރުން ފްރާންސްގެ މާސޭ އަށް ކޯޗުކޮށްދިން ރޮބާޓޮ ޑި ޒެބްރީ އެވެ. މި ސީޒަނުގެ ކުރީކޮޅު މާސޭގެ ކޯޗު ކަމުން ވަކިވި ފަހުން މި ވަގުތު އެއްވެސް ކްލަބެއްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެއް ނުވެއެވެ.