ކުޅިވަރު

ޓާސްޓެގަން ޖަރުމަނު ޓީމުން ޖާގަ ލިބުން ދުރު: ކޯޗު


ޖަރުމަނުގެ ގައުމީ ކީޕަރު މާކް އަންދަރޭ ޓާސްޓެގަން އަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައި ކުޅޭ ޖަރުމަނު ޓީމުން ޖާގަ ލިބުން ވަރަށް ދުރުވެއްޖެ ކަމަށް ކޯޗު ހޫލިއަން ނާގެލްސްމަން ބުނެފި އެވެ.

އުމުރުން 33 އަހަރުގެ ކީޕަރުގެ ފުރުސަތު ހަނިވީ އަނިޔާގެ ސަބަބުންނެވެ. މި އަނިޔާތަކުގެ ސަބަބުން އޭނާ މިދިޔަ ދޮޅު އަހަރު ތެރޭގައި ކުޅުނީ ވާދަވެރި އެންމެ ތިން މެޗެވެ. މިހެންވެ ބާސެލޯނާއިން އޭނާގެ ނުގަބޫލުގައި ލޯނު އުސޫލުން ދޫކޮށްލީ ސްޕޭނުގެ ޖިރޯނާ އަށެވެ. އެ ޓީމަށް ކުޅުނު ދެ ވަނަ މެޗުގައި އަނިޔާވުމުން އޭނާ އަށް އަދި ދަނޑަށް ނުނުކުމެވެ އެވެ.

ނާގެލްސްމަން ބުނީ ވަރަސް ފަހުން އޭނާ ޓާސްޓެގަންއާ ފޯނުން ވާހަކަ ދެއްކި ކަމަށެވެ.

"އޭނާ އަށް އޮތް ފުރުސަތު ވަރަށް ހަނި. ސަބަބަކީ މުޅި މައްސަލައަށް ރިއާޔަތް ކުރަން ޖެހޭތީވެ. އޭނާ ނުކުޅެ ހުންނަތާ އަހަރަށްވުރެ ގިނަ ދުވަސް ފަހުން އަނެއްކާ ވެސް އަނިޔާވީ. މިވީ ދުވަސްތަކުގައި އޭނާ ކުޅުނު މެޗުތައް އަހަރެންގެ އިނގިލި ކުރިން ވަރަށް ފަސޭހަ ކަމާއެކު ގުނާލެވޭ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ މިވަގުތު ޓާސްޓެގަން އަށް އެންމެ މުހިންމީ ފަރުވާ ކުރުން ކަމަށެވެ.

"އޭނާ އަކީ 21 އަހަރުގެ ކުއްޖެއް ނޫން. އޭނާ މިދިޔަ ދުވަސްތަކުގައި އެހުރީ ވަރަށް ގިނަ ދުވަހު ނުކުޅެ. އެހެންވީމާ އޭނާ އަށް އެންމެ މުހިންމީ ފަރުވާ އަށް އިސްކަން ދިނުން،" ކޯޗު ބުންޏެވެ.

މެނުއަލް ނޯޔާ 2014 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ބެލެހެއްޓި ޖަރުމަނުގެ ގޯލު ޓާސްޓެގަން އަށް ލިބުނީ އޭގެ ފަހުންނެވެ. ގައުމީ ޖާޒީގައި ބޮޑު މުބާރާތެއް ކުޅެން އޭނާ ކުރަމުން އަންނަ އުއްމީދަށް ހުރަސް އެޅިފައިވާއިރު މިހާރު އެއްވަނަ ކީޕަރުކަން ކުރަމުންދަނީ ހޮފެންހެއިމްގެ ކީޕަރު އޮލިވާ ބައުމަން އެވެ.