ޚަބަރު

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި


  • ޑޮލަރު ވިއްކާނެކަމަށް ބުނެ ސްކޭމްކުރި މައްސަލައެއް ހިމެނޭ

  • 2 މައްސަލައަކީ ސޯޝަލް މީޑިއާ ހެކްކޮށް ފައިސާ ހޯދުމުގެ މައްސަލައެއް

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އުމުރުން 36 އަހަރުގެ އަޒުހީމް ސަޢީދު އާއި ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އުމުރުން 31 އަހަރުގެ ޢަލީ ޝަފާޒު އާއި ސ. ހިތަދޫ / ކުޅިބަލާގެ، އުމުރުން 47 އަހަރުގެ މުޙައްމަދު ޖުނައިދުއެވެ.

މި ތިންމީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 27 ވަނަ ދުވަހަށެވެ.

ޢަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 12 ވަނަ ދުވަހަށެވެ.

މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29987 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. މިމަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވާނީ 2026 އެޕްރީލް 5 ވަނަ ދުވަހަށެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.