ޚަބަރު

ހަނގުރާމައާއެކު އިޤްތިޞާދު ސަލާމަތްކުރަން އޭޝިޔާގެ ޤައުމުތަކަށް މަޖޫބުރުވެފައި


ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ހުރްމުޒް ކަނޑުއޮޅި ގާތްގަނޑަކަށް އެއްކޮށް ބަންދުވެ، ކޮވިޑް-19 ގެ ދުވަސްވަރު ކުރިމަތިވި ފަދަ އިޤްތިޞާދީ ހީނަރުކަމާ ކުރިމަތިލާން އޭޝިޔާގެ ޤައުމުތަކަށް މަޖުބޫރުވެފައިވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއްޖެއެވެ.

އޭޝިޔާގެ ޤައުމުތަކަށް ބޭނުންވާ ތެލުގެ 80 އިންސައްތަ ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް އަންނައިރު، އަންނަ އޭޕްރީލް މަހާއި މެއި މަހުގެ ތެރޭގައި، ތެލުގެ ސަޕްލައިގެ ތާށިކަމުގެ އަސަރު އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެކަމަށް ޙައްލެއް ހޯދުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރައްވައެވެ.

ހަކަތައިގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާ ފިލިޕީންސްގައި ތެލުގެ އަގުތައް ވަނީ ފެބްަރުއަރީ 28ގައި ހަނގުރާމަ ފެށުނު ފަހުން ތިންގުނައަށް އިތުރުވެފައެވެ.

ވިއެޓްނާމުގައި މަތިންދާބޯޓުތަކަށް އަޅާ ތެލުގެ ތާށިކަން ކުރިމަތިވެފައިވާއިރު، ދެކުނު ކޮރެޔާގައި ރީތިވާ ސާމާނު އުފައްދާ ސިނާއަތަށް ބޭނުންވާ ކެމިކަލް ލިބުން ވަނީ ދަތިވެފައެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުގެ ނޭދެވޭ އަސަރު އޭޝިޔާގެ ގިނަ ޤައުމުތަކުގެ ފައިސާގެ އަގަށް ވެސް ވަނީ ކޮށްފައެވެ.

މިގޮތުން، އިންޑިޔާ، ފިލިޕީންސް، އިންޑޮނީޝިޔާ، ޖަޕާނު އަދު ދެކުނު ކޮރެޔާގައި ވެސް ފައިސާގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށްވެފައެވެ.

އެއާއެކު، އެ ޤައުމުތަކުން މިހާރު ވެސް ވަނީ ފައިސާގެ އަގު ހިފެހެއްޓުމަކަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ.