ޚަބަރު

ލެހޭކާ ބަލިކޮށް ސިނާ ޗެމްޕިއަންކަން ހޯދައިފި


އެމެރިކާގައި ފްލޮރިޑާ ގައި ކުރިއަށްދިޔަ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ޔަނިކް ސިނާ ހޯދައިފި އެވެ.

ދުނިޔޭގެ ދެވަނަ ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި އިޓަލީގެ ޔަނިކް ސިނާ މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އޭނާ ވެފައިވަނީ އެއްވެސް ސެޓަކުން ބަލިނުވެ ސަންޝައިން ޑަބަލް ކާމިޔާބުކުރި ފުރަތަމަ ފިރިހެން ކުޅުންތެރިޔާއަށްވެފަ އެވެ. ސިނާ ވަނީ އެންމެ ފަހުން ނިމިގެންދިޔަ އިންޑިޔަން ވެލްސްގެ ޗެމްޕިއަންކަންވެސް ހޯދާފަ އެވެ.

ސިނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗެކް ރިޕަބްލިކްގެ ޖިރީ ލެހޭކާ އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ސިނާ ގެންގޮސްފައިވަނީ ހައެއް ހަތަރެއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

މި މުބާރާތް ކާމިޔާބުކުރުމަށްފަހު ސިނާ ބުނެފައިވަނީ ސަންޝައިން ޑަބަލް ކާމިޔާބު ކުރެވުމަކީ އޭނާ އެއްގޮތަކަށްވެސް އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ.

"ސަންޝައިން ޑަބަލް ކާމިޔާބު ކުރެވުމަކީ އަހަރެން އެއްގޮތަކަށްވެސް އުންމީދު ކުރި ކަމެއް ނޫން. އެއީ ފަސޭހަ ކަމެއް ނޫން އަދި އެކަން ހާސިލުކުރެވުމުން އެކަމާ ވަރަށް ބޮޑަށް އުފާ ކުރަން." ސިނާ ބުންޏެވެ.

މި ކާމިޔާބީ އާއިއެކު ސިނާ ވެފައިވަނީ 2017 ވަނަ އަހަރު ރޮޖަރ ފެޑެރަރ އަށް ފަހު ސަންޝައިން ޑަބަލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށް ވެފައެވެ.