ޚަބަރު

މިސްޓަރ ބައިބަލާއަކަށް ޒެޕޯގެ ނައްވާފް!


ޢީދު ބައިބަލާ ޗެލެންޖު 1447ގެ އެންމެ މޮޅު ކުޅުންތެރިއާ، މިސްޓަރ ބައިބަލާގެ ޝަރަފް ޗެމްޕިއަން ޒެޕޯ ސްޕޯޓްސް ކްލަބްގެ މުހައްމަދު ނައްވާފް ހޯދައިފިއެވެ.

ނައްވާފް މިސްޓަރ ބައިބަލާގެ މަގާމް ހޯދީ މުބާރާތުގައި ބޭރުން އަރާ ގިނަ ކުޅުންތެރިންތަކެއް ނުބައިކޮށް ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މިގޮތުން ނައްވާފް ވަނީ އެއް ރެއިޑްގައި އެއްފަހަރާ 6 ކުޅުންތެރިން ނުބައިކޮށްލާ ރެކޯޑެއްވެސް ހަދާފައެވެ.

މިމުބާރާތުގެ މިސްޓަރ ބައިބަލާގެ ޝަރަފްގެ އިތުރުން ނައްވާފް ވަނީ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނިފައެވެ.

ނައްވާފްގެ އިތުރުން ދެން މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޗެމްޕިއަންކަން ހޯދީ ޒެޕޯގެ ކެޕްޓަން އަދި މިދިޔަ އަހަރުގެ މިސްޓަރ ބައިބަލާގެ މަގާމް ހޯދި އަބްދުﷲ ނިޝާން އާއި ޒެޕޯގެ ނުހާދް ރަޝީދް، މުބާރާތުގެ ރަނަރސް އަޕް ބީޖީ ސްޕޯޓްސް ކްލަބް މުހައްމަދު މިރުސާލް ޔާސިރު އަދި ބީޖީގެ ފަރާޙް ޝާމްއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ޗެމްޕިއަން ޒެޕޯ ސްޕޯޓްސް ކްލަބްގެ ކޯޗު ފާރިޝް ޙާލިދެވެ.

ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ގަދަ 4 ޓީމުގެ ތެރޭގައި ހިމެނުނު އޮޑި ސްޕޯޓްސް ކްލަބެވެ.

ޕީއެސްއެމް އެއަރ މެދުވެރިކޮށް ވޯޓުލައިގެން ހޮވާ އެންމެ މަގުބޫލް ޓީމުގެ މަގާމްވެސް އޮޑި ސްޕޯޓްސް ކްލަބުން ހޯދި އިރު އެންމެ މަގުބޫލް ކުޅުންތެރިއާގެ މަގާމް ހޯދީ ކާސިންޖާސްގެ އަބްދުﷲ މުހައްމަދެވެ.