އިލެކްޝަންސް ކޮމިޝަނުން އެއްވެސް ރައްޔިތެއްގެ ވޯޓުލުމުގެ ޙައްގައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވޯޓުލުމަށް ނާންގާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އެ ކޮމިޝަނުން މިހެން ވިދާޅުވީ އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަން ނިންމާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އިލެކްޝަންސް ކޮމިޝަނާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ ސިއްރުކަން ގެއްލޭގޮތަށް އެ ކޮމިޝަނުން އަމަލުކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން، ވޯޓުލާންދާ މީހާ ކައިރިން ވޯޓުލާން ގަސްތުކުރަނީ ކޮން ކަމަކަށްތޯ އެހުމަށްފަހު 3 ވޯޓު ކަރުދާހުގެ ބަދަލުގައި އެ މީހަކު ވޯޓުލާން ބޭނުންވާ ކަމަށް ބުނާ ކަރުދާސްކޮޅު އެކަނި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 3 ވޯޓުގެ 3 ކަރުދާސް ވޯޓުލާން ދާ މީހާއަށް ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުން ނުވާ ކަަމަށްވެސް ވިދާޅުވިއެވެ.
ހުސްނުއްސުއޫދު މިހެން ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔެއްގެ ފާޑުކިޔުން އިލެކްޝަންސް ކޮމިޝަނަށް ވަނީ އަމާޒުވެފައެވެ. ހުސްނުއްސުއޫދު ވަނީ އޭނާ ކުރެއްވި ޕޯސްޓުގައި ހަގީގަތެއް ނެތް ކަމަށްވެސް ފަހުން ވިދާޅުވެފައެވެ.
މިވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ސަލާހު ރަޝީދު ވިދާޅުވީ ވަކިގޮތަކަށް ވޯޓުލުމަށް ރައްޔިތުންގެ ކައިރީގައި ބުނުމަކީ އެ ކޮމިޝަނުން އަމަލުކުރާ ހަމަތަކެއް ނޫން ކަމަށާއި އެގޮތަށް ދެކެވޭ ވާހަކަތަކަކީ ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ކުރިންވެސް އެ ކޮމިޝަނުން ނިންމަވާފައިވާ ގޮތަށް ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓު ކަރުދާސްކޮޅު ލިބިގެންދާނެ ކަމަށާއި ނުފޫޒުން އެއްކިބާވެ ވޯޓުލުމުގެ ޙައްގު ކަށަވަރު ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އިންތިޚާބާ ގުޅިގެން އަބަދުވެސް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލަކީ ރައްޔިތުންނަށް ދެ ފުށް ފެންނަ އިންތިޚާބެއް ބާއްވައިދިނުން. އެހެންކަމުން މިފަހަރު މި ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއި ރިފަރަންޑަމް ވޯޓަކީވެސް ހަމަ އެކުއެކީގައި އެއް ދުވަހެއްގައި ބޭއްވޭ އިންތިޚާބުތަކަށްވާތީ ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ލުއިފަސޭހަވާނެގޮތަކަށް އިދާރީ އިންތިޒާމުތައް ހަމަޖެއްސި އަޅުގަނޑުމެންގެ ފަރާތުން މަސައްކަތް ކުރާ ހުރިހާ އޮފިޝަލުންވެސް މަސައްކަތް ކުރާނީ ވޯޓުލާން ވަޑައިގަންނަވާ ހުރިހާ ބޭފުޅުންގެވެސް އެ ޙައްގު ކަށަވަރުކޮށްދިނުމަށްޓަކައި،" އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިޚާބުގައި 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ. އެހެންވެ، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބިގެންވާ ކޮންމެ ރައްޔިތަކަށްވެސް 3 ވޯޓުކަރުދާސް ލިބޭނެއެވެ.
މި އިންތިޚާބުގައި 3 ވޯޓުގެ ވޯޓު ކަރުދާސްލުމަށް ފޮށިތައްވެސް ހުންނާނީ ވަކިކޮށްފައެވެ. މިއީ އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ.