އަސާސީ ބައެއް ކާބޯތަކެއްޗާއި ހިލައާއި ހިލަވެލި ރާއްޖެއަށް އާއްމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ، ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަަށް ބޭނުންވާ ތަކެތި އާއްމުކޮށް ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ ބިސް, އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، ހިލައާއި ހިލަވެއްޔެވެ. އަދި ރާއްޖެއިން އެދިފައިވާ މިންވަރަށް މިހުރިހާ ބާވަތެއްވެސް އިންޑިއާއިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށްވެސް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވިއެވެ.
އިންޑިއާާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއްގެ ދަށުން އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް 1981 ވަނަ އަހަރު އެއްބަސްވުމެއް ޤާއިމުކޮށްފައިވާއިރު، މިއީ މިހާތަނަށް އެ އެއްބަސްވުމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރާ ފަހަރުކަން އިންޑިއާއިން ފާހަގަކުރެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ވިދާޅުވީ، އެގައުމުން އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި ނެއިބަރހުޑް ފަސްޓް ޕޮލިސީގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް އިންޑިއާއިން ކުރާ މަސައްކަތުގައި ދެމިއޮންނާނެ ކަމަށްވެސް އިންޑިޔާ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައިވެއެވެ.