ޚަބަރު

ބަންގްލަދޭޝްގެ ކުޅުން ވަރަށް ތަފާތު: ނޭޕާލް ކޯޗު


  • ބަނގްލަދޭޝްގެ ސަބަބުން ނޭޕާލްގެ ގޭމް ޕްލޭން ފެއިލްވިކަމަށް ކޯޗު ބުނި

  • މުބާރާތުގައި ނޭޕާލުން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ

  • މުބާރާތުގެ ފައިނަލް އޮންނާނީ 3 ވަނަ ދުވަހު

20 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕުގައި ސެމީފައިނަލުގައި ނޭޕާލާއި ދެކޮޅަށް ބަނގްލަދޭޝް ޓީމުން ދެއްކި ކުޅުމަށް ނޭޕާލް ޓީމުގެ ކޯޗު، އުރްޖަން ޝްރެސްތާ ތައުރީފުކޮށްފިއެވެ.

1-0 ގެ ތަފާތަކުން ނޭޕާލް ބަލިކޮށް ބަނގްލަދޭޝްއިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ބުނެފައިވަނީ މެޗު ފެށުނީންސުރެ އިދިކޮޅުން ދިޔައީ މޮޅު ކުޅުމެއްދައްކަމުންކަމަށެވެ. އެކަމުގެ ސަބަބުން ނޭޕާލް ކުޅުންތެރިންނަށް ހަމަލާއެއް އުފެއްދުމަށް ދަތިވިކަމަށް އޭނާ ފާހަގަކުރިއެވެ.

މެޗު ފެށުނީންސުރެ އިދިކޮޅުން ޕްރެސިން އަށް އިސްކަންދީގެން ކުޅެމުން ގެންދިއުމުގެ ނަތީޖާއަކަށްވީ ނޭޕާލް ޓީމު ވިއްސިވިހާލިވެ، ގޭމް ޕްލޭން ފެއިލްވުންކަމަށް ކޯޗު ބުންޏެވެ.

"ޖުމްލަގޮތެއްގައި މުބާރާތް ދިޔައީ ރަނގަޅަށް. މިއަދުގެ މެޗުގައި ބަނގްލަދޭޝްއިން ދެއްކީ ތަފާތު މޮޅު ކުޅުމެއް. މެޗު ފެށުނީންސުރެ ޕްރެސްކުރަމުން ގެންދިޔައީ. އެކަމާހެދި އަހަރުމެންގެ ގޭމް ޕްލޭނާއި އެއްގޮތަށް ނުކުޅެވުނު" ކޯޗު ބުންޏެވެ.

އަވަސް ފުޓުބޯޅައެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ހާފް އެއްކޮށް ކަހަލަގޮތަކަށް ބަނގްލަދޭޝްގެ ޒުވާން ޓީމުން ޑޮމިނޭޓްކޮށްފަވާއިރު، ނޭޕާލުން ގޯލެއް ޖެހުމަށް ކުރި މަސައްކަތްވަނީ ނާކާމިޔާބުވެފައެވެ.
ނޭޕާލުން ފައިނަލުގެ ޖާގަ ކަށަވަރު ކުރުމަށް ކުރި މަސައްކަތުގެ ހުރަހަކަށްވީ ބަނގްލަދޭޝް ޓީމުން ދެއްކި ތަފާތު މޮޅު ކުޅުންކަމަށް ކޯޗު ތަކުރާރުކޮށް ބުންޏެވެ. ކޯޗު ބުނެފައިވަނީ ފައިނަލުގެ ޖާގަ ގެއްލުނު ނަމަވެސް މުބާރާތުގައި ނޭޕާލް ޓީމުން ދެއްކި ކުޅުން ހަމަ ރަނގަޅުކަމަށެވެ.

"ދެވަނަ ހާފުގައި ބަނގްލަދޭޝްއިން ދެއްކި ކުޅުން އަދި މާ މޮޅު. އަހަރުމެން ގޯލެއް ޖެހޭތޯ މަސައްކަތް ކުރިން. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވި" ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ބުންޏެވެ.

20 އަހަރުންދަށުގެ ސާފް ޗެންޕިއަންޝިޕުގެ ފައިނަލު މިމަހުގެ ތިންވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، ފައިނަލްގައި ބަންގްލަދޭޝް އާއި ދެކޮޅަށް ނުކުންނާނީ އިންޑިއާއެވެ. މި ދެޓީމު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-1 އެއްވަރުވެގެންނެވެ.