11 ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމު ކުރުމަށް އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުތަކެކެވެ.
މި އެއްބަސްވުމުގެ ދަށުން 11 ރަށެއްގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެއީ ރަސްމާދޫ، ފ. ފީއަލީ އަދި ތ. ބުރުންޏެވެ. މީގެ އިތުރުން އެ ކުންފުންޏާ ވަނީ ލ. އިސްދޫ، ލ. ކަލައިދޫ އަދި ލ. ދަނބިދޫގައި މިހާރު ޤާއިމުކޮށްފައިވާ ނަރުދަމާ ނިޒާމު ބަދަލުކޮށް އައު ގްރެވިޓީ ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށްވެސް ހަވާލުކޮށްފައެވެ.
މި މަޝްރޫއުތަކުގެ އިތުރުން އެ ކުންފުންޏާއި ވަނީ ރ. އަނގޮޅިތީމް، ރ. ވާދޫ، ލ. ހިތަދޫ އަދި ގއ. ދެއްވަދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށާއި އަދި ފުވައްމުލަކު ސިޓީގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށްވެސް ހަވާލުކޮށްފައެވެ.
މި އެއްބަސްވުންތަކުގައި އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިސްމާއިލް ޙަމީދުއެވެ. އަދި، އަލްޓެކް މޯލްޑިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ، ޖެނެރަލް މެނޭޖަރ ހުސެއިން ތަސްމީންއެވެ. މި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީއު ބައިވެރިވެ ވަޑައިގެންނެވިއެވެ.