ކުޅިވަރު

އިޓަލީ ވޯލްޑް ކަޕުން ކެޓުން: ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އިސްތިއުފާ ދެއްވަން ސަރުކާރުން ގޮވާލައިފި


ވިދިވިދިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އިޓަލީ ކެޓުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މަގާމުން ވަކިވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަންދްރެއާ އަބޯޑީ ގޮވާލައިފި އެވެ.

ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔަ މިއީ ވިދިވިދިގެން ތިން ވަނަ ފަހަރެވެ. ޖޫން މަހު އެމެރިކާގައި އޮންނަ މުބާރާތުގައި ކުޅޭ 48 ގައުމުގެ ތެރޭގައި ނުހިމެނި އިޓަލީ ކެޓީ ޕްލޭއޯފްގައި ބޮސްނިއާ އަތުން ބަލިވުމުންނެވެ.

"މިއީ އެންމެނަށް ފެންނަން އޮތް ވަރަށް ސާފު ހެއްކެއް އިޓަލީގެ ފުޓްބޯޅައިގެ ނިޒާމް ބަދަލު ކުރަން ވެއްޖެކަން. މި ކަން ފަށަން ޖެހެނީ ލީޑަރޝިޕާ ހިސާބުން،" ވަޒީރު ވިދާޅުވި އެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސަކީ ގަބްރިއެއްލާ ގްރަވީނާ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވިއިރު ވެސް މި މަގާމުގައި ހުރީ ގަރްވީނާ އެވެ. އޭނާ ވިދާޅުވީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އެކަމާ ގުޅިގެން އަޅަން ފެންނަ ކަންކަމުގެ ތަފްސީލަށް އަންނަ ހަފުތާގައި ވަޑައިގަންނަވާނެ ކަމަށެވެ. ގިނަ މީޑިއާތަކުން ބުނަނީ މިއީ ގަރްވީނާ ފުޓްބޯޅަ ފެޑަރޭޝަނުން އިސްތިއުފާ ދެއްވައި އައު އިންތިހާބެއް ބާއްވާނެ ކަމުގެ އިޝާރާތެއް ކަމަށެވެ.

އިޓަލީގެ ކޯޗު ގެނާރޯ ގަޓޫސޯ ވެސް އޭނާގެ މަގާމާމެދު އަކި އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އިޓަލީގެ ކުރީގެ މިޑްފީލްޑަރު މީގެ ކުރިން ބުނެފައިވަނީ ވޯލްޑް ކަޕަށް ކޮލިފައިވެއްޖެނަމަ އޭނާ ދިރިއުޅޭނީ ވެސް އިޓަލީއާ ދުރުގައި ކަމަށެވެ. ގަޓޫސޯގެ އާއިލާ މިހާރު ވެސް ދިރިއުޅެނީ ސްޕޭނުގަ އެވެ.

ނަމަވެސް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގްރަވީނާ ވިދާޅުވީ ގަޓޫސޯ އަކީ މޮޅު ކޯޗެއް ކަމަށާއި މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާއެކު ދެމި ހުރުމަށް އޭނާ ގަޓޫސޯގެ ކިބައިން އެދިފައިވާނެ ކަމަށެވެ.

އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުން ކުރީގެ ބޮޑުވަޒީރު މަޓެއޯ ރެންޒީ ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އޭނާ ވިދާޅުވީ މިއީ އިޓަލީގެ ފުޓްބޯޅެ ފެއިލްވުން ކަމަށެވެ.

"ނަސީބު ދެރަކަމުން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވުމަކީ އޭޕްރީލް ފޫލް ފަދަ ޖޯކެއް ނޫން. މިއީ އިޓަލީގެ ފުޓްބޯޅަ ފެއިލް ވެއްޖެ ކަމުގެ ނިޝާނެއް. އިޓަލީގެ ފުޓްބޯޅަ އަކީ ހަމައެކަނި މުނިފޫހިފިލުވާ ކަމެއް ނޫން. އެއީ އަހަރުމެންގެ ސަގާފަތާއި ގައުމުވަންތަކަމުގެ މިސާލެއް،" ކުރީގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

އޭނާ އަލިއަޅުވާލެއްވި އަނެއް ކަމަކީ 2010 ވަނަ އަހަރުގެ އިންޓަމިލާން ތަށި ހޯދި ފަހުން އިޓަލީގެ ކުލަބަކަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިފައި ނުވުމެވެ.