ޚަބަރު

ހޮޅުދޫ ސިއްޙީ މަރުކަޒުގައި މެޑިކަލް ވާރކް ޕާމިޓް ޚިދުމަތް ފަށައިފި


  • މިއީ އެ ޚިދުމަތް އެ އަތޮޅުން ދޭން ފެށި 3 ވަނަ ރަށް

  • މިދިޔަ 2 އަހަރުގެ ތެރޭގައި ސިއްޙީ މަރުކަޒަށް ކުރިއެރުންތަކެއް ވަނީ އައިސްފައި

ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި މެޑިކަލް ވާރކް ޕާމިޓް ޚިދުމަތް ދޭން ފަށައިފިއެވެ. މި ޚިދުމަތް އެ ހެލްްތު ސެންޓަރުގައި ފަށްޓަވައިދެއްވީ ސިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތް ކުރާއިރު ވާރކް ޕާމިޓް ހޯދަން ޖެހޭއިރު މިކަމަށް މެޑިކަލް ރިޕޯޓް ބޭނުންވެއެވެ. ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ ދަށުން ރަށްރަށުގެ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަކުތަކުގައި މެޑިކަލް ވޯކް ޕާމިޓް ހެއްދުމުގެ ޚިދުމަތް އަންނަނީ ތަޢާރަފްކުރަމުންނެވެ.

މިގޮތުން މިހާރު ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި މި ޚިދުމަތް ތާޢާރަފްކޮށްފައިވާއިރު މިއީ އެ ޚިދުމަތް އެ އަތޮޅުން ދޭން ފެށި 3 ވަނަ ރަށެވެ. މީގެ ކުރިން އެ ޚިދުމަތް ލިބެނީ ނ. މަނަދޫ ހޮސްޕިޓަލުންނާއި ނ. ވެލިދޫއިންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޮޅުދު ސިއްޙީ މަރުކަޒުން ވިދާޅުވީ މިދިޔަ 2 އަހަރުގެ ތެރޭގައި އެ ރަށުގެ ސިއްޙީ މަރުކަޒަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ. މިހާރު އަލަށް ފެށި ޚިދުމަތާއެކު މެޑިކަލް ވާރކް ޕާމިޓް ހޯދުމަށް އެހެން ރަށްރަށަށް ދާ ދިއުން ހުއްޓުމަކަށް އަންނާނެކަމަށްވެސް ވިދާޅުވިއެވެ. މި ޚިދުމަތް ހޯދުމަށް ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 12: އަށް އެޕޮއިންޓްމަންޓް ހެއްދޭނެކަމަސާއި ހަފްތާގެ 3 ނުވަތަ 5 ދުވަހު އެ ޚިދުމަތް ލިބޭނެއެވެ.

ސިއްޙީ މަރުކަޒުން ވިދާޅުވީ އެ މަރުކަޒުގައި މިހާރު އައު ޚިދުމަތްތަކެއްވެސް ތަޢާރަފްކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި އެކްސްރޭ ޚިދުމަތާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި އެތެރެ ހަށީގެ ޑޮކްޓަރުގެ ޚިދުމަތްވެސް މިހާރު ލިބޭނެކަމަށެވެ.

ބިދޭސީންގެ ވާރކް ޕަރމިޓް ދޫކުރާނީ "ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުން ކަމަށް 2024ވަނަ އަހަރު ވަނީ ކަނޑައަޅާފައެވެ. ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 ދުވަހުގެ ތެރޭގައި ވާރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހެއެވެ.