ޚަބަރު

ހަފްތާއެއްގެ ތެރޭ މާލެ، ބުރިޖު އަދި ހައިވޭގައި 56 އެކްސިޑެންޓު


  • 49 އެކްސިޑެންޓު ހިނގީ މާލޭގައި

  • އެންމެ ގިނަ އެކްސިޑެންޓު ހިނގީ މާރިޗު 25 ވަނަ ދުވަހު

މިދިޔަ މާރިޗުމަހު 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މާލެއާއި ސިނަމާލެ ބުރިޖު އަދި ހައިވޭގައި ޖުމްލަ 56 އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް މާލޭ ސަރަޙައްދުގައި ހިނގި 56 އެކްސިޑެންޓުގެ ތެރެއިން، 49 އެކްސިޑެންޓަކީ މާލެތެރެއިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެއްކަމަށެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގީ މާރިޗު 25 ވަނަ ދުވަހުއެވެ. އެދުވަހު އެކަނި 13 އެކްސިޑެންޓް ވަނީ ހިނގާފައެވެ.

ފުލުހުން ވިދާޅުވީ މީގެތެރެއިން 14 އެކްސިޑެންޓެއް ހިނގީ ދެ ސައިކަލު ޖެހިގެންކަމަށެވެ. އަދި ސައިކަލާއި ކާރު ޖެހިގެން 14 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ 7 މައްސަލައެއް ވަނީ ރިޕޯޓު ކުރެވިފައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ.


މިދިޔަ އަހަރު މާލެ ސަރަޙައްދުގައި 2000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފަވެއެވެ. މީގެތެރެއިން 300 އަށްވުރެ އެކްސިޑެންޓު ހިނގީ ބްރިޖާއި ހައިވޭގައެވެ.

މަގުމަތީގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެންމެން އެކުގައި މަސައްކަތްކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އުޅަނދު ދުއްވުމުގައި މަގުމަތީގެ ޤަވައިދުތަކަށް ސަމާލުވުމާއި އުޅަނދުތައް ދުއްވާ މީހުންނެކޭ އެއްގޮތަށް ހިނގާ މީހުންވެސް އެކަންކަން ސަމާލުވުމަށް ފުލުުހުން އިލްތިމާސްކުރައްވައެވެ.