މާލޭ ސިޓީއަށް ޢުމްރާނީގޮތުން ސަރުކާރުން ގެންނަވާ ބަދަލުތަކުގެ ތެރެއިން، ދެން އެންމެ އަވަހަށް ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ މާލޭގެ ހުރިހާ ބޮޑެތި މަގުތަކެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރައްވައި ފުރިހަމަ ކުރެއްވުމެވެ. މި މަސައްކަތް ފެއްޓެވުމަށް ބޭނުންވާ މެޝިނަރީއާއި އިންސާނީ ވަޞީލަތްތައް ހޯއްދެވުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މިކަމަށް ހައްދަވަންޖެހޭ ދިރާސާތައް ހެއްދެވުމުގެ މަސައްކަތްވެސް ހައުސިންގ މިނިސްޓްރީން ވަނީ ކުރައްވާފައެވެ.
ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ވެހިކަލްތައް ދުއްވާ މަގުތަކަކީ މާލޭ ސިޓީގެ މަގުތައް ކަމަށްވެފައި، މި މަޝްރޫޢާއެކު މަގުތައް އެއްވަރު ނުވުމާއި، ވިއްސާރަ މޫސުމަށް މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް މި މަޝްރޫޢުން ލިބިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފެއްޓެވުމަށް މިހާރު ނިންމަވާފައިވާއިރު، މި މަޝްރޫޢުގެ ދަށުން މަރާމާތު ކުރެއްވުމަށް ހަމަޖެހިފައިވާ މަގުތަކާއި، މަރާމާތުކުރެއްވުމުގެ މަސައްކަތް ކުރިއަށްދާނެ މުއްދަތުތައް ހިމެނޭހެން އެކުލަވާލައްވާފައިވާ ޓައިމްލައިން ހައުސިންގ މިނިސްޓްރީގެ ފަރާތުން މިހާރު ވަނީ ޢާއްމުކުރައްވާފައެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން މާލޭގެ މައި 13 މަގެއް ޒަމާނީ ފެންވަރަކަށް ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ފިޔަވަހިތަކަކަށް ބައްސަވާލައްވައިގެން ކުރިއަށް ގެންދަވާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަރާމާތުކުރެއްވުމަށް ހަމަޖެހިފައިވަނީ މަޖީދީމަގެވެ.
img:http://s2.psmnews.mv/images/660x400/14750492323756.jpg|މާލޭގެ މަގުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާގޮތުގެ ޓައިމްލައިން-
މާލޭގެ މަގުތައް މަރާމާތު ކުރުމަށް ހަމަޖެހިފައިވާގޮތުގެ ޓައިމްލައިން:-
- މަޖީދީ މަގުގެ މަސައްކަތް ނިންމާލުމަށް ކަނޑައަޅުއްވާފައިވަނީ 4 ފެބްރުއަރީ 2017 އަށް.- 5 ފެބްރުއަރީ 2017 ގައި އަމީނީމަގާއި، ޝަހީދުޢަލީ ހިނގުން މަރާމާތުކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، އަމީނީ މަގުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ 11 ޖޫން 2017ގައެވެ. އަދި ޝަހީދުޢަލީ ހިނގުން މަރާމާތުކުރެއްވުމުގެ މަސައްކަތް 19 މާރޗް 2017 ގައި ނިންމާލުމަށް ވަނީ ކަނޑައަޅުއްވާފައެވެ.- އިއްޒުއްދީންމަގު މަރާމާތުކުރުމުގެ މަސައްކަތް 12 ޖޫން 2017 ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، އެމަގުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ 4 ސެޕްޓެމްބަރު 2017ގައި.- ކަނބާއައިސާރަނި ހިނގުން މަރާމާތުކުރުމުގެ މަސައްކަތް 5 ސެޕްޓެމްބަރު 2017 ގައި ފައްޓަވާ، 31 އޮކްޓޯބަރު 2017ގެ ނިޔަލަށް ނިންމެވުމަށް ވަނީ ހަމަޖެހިފައި.- އޯކިޑް މަގުގެ މަސައްކަތް 1 ނޮވެމްބަރު 2017 ފައްޓަވާ، 27 ޑިސެމްބަރު 2017ގެ ނިޔަލަށް ނިންމެވުމަށް ވަނީ ކަނޑައަޅުއްވާފައި.- ޗާންދަނީ މަގާއި، ލިލީމަގު މަރާމާތުކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވަނީ 28 ޑިސެމްބަރު 2017ގައި.- ޗާންދަނީ މަގުގެ މަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ތާރީޚަކީ 8 މާރޗް 2018ގައި.- ލިލީ މަގުގެ މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ 25 ޖެނުއަރީ 2018ގެ ނިޔަލަށް.- ބުރުޒުމަގާއި، ހަވީރީހިނގުން މަރާމާތު ކުރެއްވުމުގެ މަސައްކަތް 9 މާރޗް 2018 ފެއްޓެވުމަށް ހަމަޖެހިފައިވާއިރު، ބުރުޒުމަގު ނިންމެވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2018ގައި.- ހަވީރީހިނގުމުގެ މަސައްކަތް ނިންމާލެއްވުމަށް ކަނޑައަޅުއްވާފައި ވަނީ 4 މެއި 2018ގައި.- ހަނދުވަރީހިނގުން މަރަމާތުކުރުމުގެ މަސައްކަތް 5 މެއި 2018 ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެމަގުގެ މަސައްކަތް ނިންމެއްވުމަށް ކަނޑައަޅުއްވާފައިވަނީ 30 ޖޫން 2018ގައި.- ލޮނުޒިޔާރާތްމަގު މަރާމާތުކުރެއްވުމުގެ މަސައްކަތް 30 ޖޫން 2018 ގައި ފަށްޓަވާ، 28 އޯގަސްޓް 2018ގެ ނިޔަލަށް ނިންމެވުމަށް ވަނީ ހަމަޖެހިފައި.މި މަޝްރޫޢުގެ ދަށުން އެންމެފަހުން މަރާމާތު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަމީރުއަޙްމަދު މަގެވެ. އެމަގުގެ މަސައްކަތް ފެއްޓެވުމަށް ހަމަޖެހިފައިވަނީ 1 ޖުލައި 2018ގައެވެ. އަދި މި މަސައްކަތް ނިންމެވުމަށް ކަނޑައަޅުއްވާފައިވަނި 9 ސެޕްޓެމްބަރު 2018ގައެވެ.
img:http://s3.psmnews.mv/images/660x400/14750491725386.jpg|މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް" ބެހެއްޓުމަށް ނިންމަވާފައިވާގޮތުގެ ޑިޒައިން- ފޮޓޯ: ހައުސިން މިނިސްޓްރީ
މި މަޝްރޫޢުގެ ދަށުން މާލޭގެ މަގުތަކުގައި "ޑްރެއިނޭޖް ސިސްޓަމް"ތައް ހަރުކުރައްވައި، މަގުތައް ލެވެލް ކުރައްވާނެއެވެ. އަދި ދުވާރާއި، މަގުތަކުގައި އަތުރާފައިވާ ގާތައް އާކޮށް، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭގޮތަށް ދުވާރުތައް ބަދަލުކުރެވިގެންދާނެއެވެ. ހަމައެހެންމެ، އެކިކަހަލަ ކޭބަލްތައް ވަޅުލުމަށް އިރުއިރުކޮޅުން މަގުތައް ކޮންނަން ނުޖެހޭނޭހެން އެންމެ ޒަމާނީ "ޖަންކްޝަން ބޮކްސް"ތަކެއް ޤާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ހިންގެވުމަށް ހަމަޖެހިފައިވަނީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން، އެ މިނިސްޓްރީން މަސައްކަތް ހިންގަވާގޮތަށެވެ. މިގޮތަށް ހަމަޖެއްސެވީ، މަސައްކަތުގެ ސްޕީޑް އަވަސްކޮށް، ޚަރަދުކުޑަކުރެއްވުމުގެ ގޮތުންކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.