ޚަބަރު

ވޯޓުލުމުގެ ޙައްގު އަދާކުރުމަކީ ފަރުދީ ޒިންމާއެއް!


  • މިއީ އިންތިޚާބެއްގައި އެންމެ ގިނަ ރައްޔިތުންގެ މަންދޫބުން ހޮވާ އިންތިޚާބު

  • ވޯޓު ދިނުމަކީ ކޮންމެ ރައްޔިތަކަށްވެސް ކަށަވަރު ކޮށްދީފައިވާ ޙައްޤެއް

އިންތިޚާބުތަކަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ހަރަކާތެވެ. ރައްޔިތުންނަށް ފުރިހަމަ މާނައިގައި ބާރު ލިބިގެންދާކަން ހާމަވެގެންދަނީ، އެ ޤައުމެއްގައި ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ފަހިވެފައިވާ މިންވަރަކަށް ރިއާޔަތް ކޮށްގެންނެވެ. ރާއްޖޭގައި މި ފުރުސަތު ދެވެން އޮތް އެންމެ ބޮޑަކަށް ދީފައިވާއިރު، މި ފުރުސަތުގެ ބޭނުން ހިފައި ވޯޓުލުމުގެ ޙައްގު އަދާކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ.

ވޯޓު ދިނުމާއި އިންތިޚާބުތަކަށް ކުރިމަތިލުމުގެ ހައްޤަކީ، ޤާނޫނުއަސާސީގެ 26ވަނަ މާއްދާއިން ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކަށަވަރު ކޮށްދީފައިވާ ޙައްޤެކެވެ. ރާއްޖޭގައި 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ޙައްގު ކަށަވަރު ކޮށްފައިވަނީ، ޤައުމީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި އެ ރައްޔިތުން ތަމްސީލް ކުރައްވާނެ ފަރާތްތައް ހޮވުމުގެ ފުރިހަމަ ބާރު ރައްޔިތުންނަށް ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ރަށު ކައުންސިލަރުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން ހޮވުމުގެ ފުރިހަމަ ޒިންމާ އޮތީ، އެ ރައްޔިތުންގެ އަތްމަތީގައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަކީ، ރާއްޖޭގައި އެއް އިންތިޚާބެއްގައި އެންމެ ގިނަ އަދަދަކަށް ރައްޔިތުންގެ މަންދޫބުން ހޮވާ އިންތިޚާބެވެ. ނަމަވެސް ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލިސް އިންތިޚާބާ އަޅާބަލާއިރު ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދު ކުޑަކަން މީގެ ކުރިން ބޭއްވި އިންތިޚާބުތަކުން ހާމަވެގެންދެއެވެ.

ގިނަ މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ، ރަށު ކައުންސިލްތައް ހޮވުމަކީ އެ ރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ޒިންމާއެއްގެ ގޮތުގައެވެ. އަދި މިއީ ރަށުގެ "އޮފީސް ހިންގާނެ" ބަޔަކު ނުވަތަ ރަށުގައި ހަރަކާތްތައް ހިންގާނެ ބަޔަކު އައްޔަން ކުރުމުގެ ވޯޓެއް ކަމަށް ޤަބޫލުކޮށް، ވޯޓުލުމުގެ ހާއްޤޫ އަދާނުކުރާ މީހުން މަދެއް ނޫނެވެ.

ނަމަވެސް މިއީ ގޯސް ވިސްނުމެކެވެ. ޤައުމުގެ ރައީސާއި ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރާ އުސޫލުން ކައުންސިލާއި، އަންހެނުންގެ ކޮމިޓީތަކަށްވެސް މެންބަރުން އިންތިޚާބު ކުރުމަށް ވަކި އިންތިޚާބެއް ބާއްވަނީ، އެ މަޤާމުތައްވެސް މުހިންމު ވުމުންނެވެ. ކައުންސިލްތަކަކީ، ރަށުގެ ތަރައްޤީގައި ސަރުކާރަށް އެއްބާރުލުންދޭނެ އެންމެ މުހިންމު ބައިވެރިންނެވެ. ރަށުގެ ރައްޔިތުންގެ އުދާސްތަކާއި ބޭނުންވާ ކަންކަން ސަރުކާރާ ހަމައަށް ހިއްސާ ކުރުމުގެ މެދުވެރިޔާއެވެ. އަންހެނުންގެ ކޮމިޓީގެ މެންބަރުންނަކީ، އެ ރަށެއްގެ އިޖުތިމާޢީ ކަންކަން ބަލަހައްޓައި މުޖުތަމަޢުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރާނެ މެންބަރުންނެވެ.

ވަރިހަމައަށް ދޫކޮށްލުމުން މި މަޤާމުތަކަށް އިންތިޚާބުވާ މެންބަރުންނަކީ، އެކަމަށް އެންމެ ޤާބިލު ނޫން މީހުންނަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މީގެ ސަބަބުން ރަށުގެ ތަރައްޤީ މަޑުޖެހި، އޭގެ ގެއްލުން ލިބޭނީ ރައްޔިތުންނަށެވެ. ޤައުމަށެވެ. ރަށުގެ ތަރައްޤީ މަޑުޖެހުމަކީ ޤައުމުގެ ތަރައްޤީ މަޑުޖެހުމެވެ. އެހެންވެ، ރަށުގައި ދިރިނޫޅުނު ނަމަވެސް މީގެ އަސަރު ތިމާއަށް ކުރާނެކަން ކޮންމެ ރައްޔިތަކުވެސް ޤަބޫލުކުރަން ޖެހެއެވެ.

މިފަހަރުގެ އިންތިޚާބުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ޤަރާރާ އެއްގޮތަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓަށް އަހާނެއެވެ. މިވެސް ދިވެހި ކޮންމެ ރައްޔިތަކާ ގުޅުންހުރި ކަމެކެވެ. އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުންނާއި މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމާ ގުޅޭގޮތުން ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހާމެދު އެ ރައްޔިތަކު ދެކޭގޮތް ހާމަކުރުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީ ޒިންމާއެކެވެ.

ޤާނޫނުއަސާސީގެ މި މާއްދާތައް އިސްލާހުކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންވާނެކަމަށް ބަޔާންކޮށްފައި އޮތުމަކީވެސް މިކަމުގައި ރައްޔިތުންގެ ބަސް ބުނުމުގެ މުހިންމުކަން ދައްކުވައިދޭ ކަމެކެވެ. މިއީ މުޅި ޤައުމުގެ ކަންކަމުގައި ބަސް ބުނުމަށް 18 އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.

ވޯޓުގެ ނަތީޖާ ތިމާ ބޭނުންވާ ގޮތަށް ނުނުކުމެދާނެއެވެ. އެއީ ވޯޓުނުލާންވީ ސަބަބެއް ނޫނެވެ. އިންތިޚާބުތަކުގައި އަޅުގަނޑުމެން އަބަދުވެސް ބުނަމުންދާ ވާހަކައެއް އޮވެއެވެ. "އެންމެ ވޯޓަކުންވެސް ނަތީޖާ ބައްދަލުކޮށްލާނެ"އެވެ. މުޖުތަމަޢާއި ރަށާއި ޤައުމާ ގުޅުންހުރި މިފަދަ ކޮންމެ ކަމެއްގައި ވޯޓު ލުމުގެ ޙައްގު ލިބޭ ކޮންމެ މީހަކުވެސް އެ ޙައްގު އަދާކުރުމަކީ އެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެކެވެ.