ޚަބަރު

ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް


  • ފުރަތަމަ 2 މަހު ރާއްޖެއަށް ރެކޯޑު މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރި

  • އޮޕަރޭޝަނުގައި ހުރި ޓޫރިސްޓް ފެސިލިޓީގެ އަދަދުވެސް އިތުރުވި

މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއެކުވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. އަހަރުގެ ފުރަތަމަ ކުއާޓަރުގައި 6 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް މުޅި ޖުމްލަ 643,218 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 636,321 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 1.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީ އަދި ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެހެންނަމަވެސް މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން މާރިޗު މަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އޭގެ ކުރީ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު ވަނީ ދަށްވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން:

* ޖަނަވަރީ : 227,403 ފަތުރުވެރިން
* ފެބުރުއަރީ : 254,556 ފަތުރުވެރިން
* މާރިޗު : 161,259 ފަތުރުވެރިން

ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ބޭނުމުގައެވެ. އެއީ، 633,769 ފަތުރުވެރިންނެވެ. އަދި 6,302 ފަތުރުވެރިންނާއެކު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ކްރޫޒްލައިންތަކުންނެވެ. އަދި މި ލިސްޓުގެ ތިންވަނައިގައި އުޅެނީ، ވިޔަފާރީގެ އެކި ބޭނުންތަކަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންނެވެ. އެއީ، 3,147 ފަތުރުވެރިންނެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޗައިނާއިންނެވެ. މި މުއްދަތުގެ ތެރޭގައި ޗައިނާއިން 94,823 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި ރަޝިއާއިން 79,326 ފަތުރުވެރިން، އިނގިރޭސިވިލާތުން 61,162 ފަތުރުވެރިން، އިޓަލީވިލާތުން 57,289 ފަތުރުވެރިން އަދި ޖަރުމަނުވިލާތުން 43,344 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓޫރިސްޓް ފެސިލިޓީތަކުގެ ތެރެެއިން އޮޕަރޭޝަނަށް ގެެނެސްފައިވާ ފެސިލިޓީގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރު ފެށުނުއިރު ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ޓޫރިސްޓް ފެސިލިޓީތަކުގެ އަދަދު 67,470ގައި ހުރިއިރު، މި އަދަދު މިހާރު ވަނީ 67,581އަށް އަރާފައެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ރިސޯޓުތަކާއި، މެރީނާތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ ފެސިލިޓީތަކެވެ.

އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.