ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވޯޓު ލައްވައިފި


  • އެކަމަނާ ވޯޓު ލެއްވީ މައްޗަންގޯޅި އުތުރުދާއިރާގެ ވޯޓު ފޮއްޓައް

  • މިވޯޓު ފޮށި ބެހެއްޓިފައިވަނީ އަމީނިއްޔާ ސުކޫލުގައި

ސިޓީތަކުގެ މޭޔަރުންނާއި، ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަންބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވޯޓުލައްވައިފިއެވެ.

އެކަމަނާ ވޯޓު ލެއްވީ މައްޗަންގޯޅި އުތުރުދާއިރާގެ މީހުން ވޯޓްލުމަށް ކަނޑައެޅިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައިވަނީ އަމީނިއްޔާ ސުކޫލުގައެވެ. މިއަދު ކުރިއަށްދާ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްޤުވަނީ ލިބިފައެވެ.

މިފަހަރުގު އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފައެވެ. މީގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް 298,180 ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ. މިއިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.