ޚަބަރު

62% އަށްވުރެ ގިނަ މީހުން ވޯޓުލައިފި


  • 92،567 އަންހެނުންނާއި 93،142 ފިރިހެނުން ވަނީ ވޯޓުލާފައި

  • ވޯޓުލާ ގަޑި 17:00 އަށް ވަނީ އިތުރުކޮށްފައި

މިހާރު ކުރިއަށްދާ އިންތިޚާބުގައި ހަވީރު 4 ޖެހުމާ ހަމައަށް %60 އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އެ ކޮމިޝަނުން އާންމު ކުރި މައުލޫމާތުން ދައްކާގޮތުގައި މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިގެންދާ 62.98 އިންސައްތަ މީހުންނެވެ. އެއީ 185،709 މިހުންނެވެ.

މިހާތަނަށް ވޯޓުލި މީހުންގެ ތެރޭގައި 92،567 އަންހެނުންނާއި 93،142 ފިރިހެނުން ހިމެނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު 294،876 މީހުންނަށް ލިބިގެންވެއެވެ. މިހާތަނަށް ވޯޓުނުލަނީ 109،167 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެއީ ޖުމްލަ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ %37.02 މީހުންނެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި 3 ވޯޓެއް ނަގައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނަގާ ވޯޓެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި 2،961 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އެއީ ކައުންސިލްގެ މަގާމަށް ކުރިމަތިލެއްވި 1،368 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރައްވާ 1،593 ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހަވީރު 5:00 ޖެހުމާ ހަމައަށް މިހާރު އިތުރުކޮށްފައެވެ.