ޚަބަރު

އީރާނުގެ ޞިއްޙީ މަރުކަޒުތަކަށް އަމާޒުކޮށް 20 ޙަމަލާ ދީފައިވޭ: ޑަބްލިޔުއެޗްއޯ


އީރާނުގެ ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލުތަކަށް ޙަމަލާ ނުދިނުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ޔަހޫދީންނަށް ގޮވާލައިފިއެވެ. ޑަބްލިޔުއެޗްއޯއިން މިހެން ގޮވާލާފައި މި ވަނީ އީރާނުގެ އެންމެ ދުވަސްވީ ރިސާޗު އަދި ޞިއްޙީ މަަރުކަޒެއް ކަމަށްވާ ޕެސްޓަރ އިންސްޓިޓިއުޓްއަށް ޔަހޫދީންގެ ޙަމަލާއެއް އަމާޒުވުމާ ގުޅިގެންނެވެ.

ޞިއްޙީ މަރުކަޒުތަކަށް ޙަމަލާ ދިނުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލާފައިވާ ޖެނީވާ ކޮންވެންޝަންގެ ދަށުން މަނާ ކަމެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ، ތެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ އީރާނުގެ ޞިއްޙީ މަރުކަޒުތަކަށް ޔަހޫދީންގެ ގިނަ ޙަމަލާތަކެއް އަމާޒުވެފައިވާ ކަމަށެވެ. ޕެސްޓަރ އިންސްޓިޓިއުޓްއަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އެ ތަނުން ޞިއްޙީ ފަރުވާ މިހާރު ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަރުކަޒަކީ އީރާނުގެ އާބާދީގެ ޞިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމުގައި މައި ދައުރެއް ޢަދާ ކުރާ މަރުކަޒެއް ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

އީރާނުގެ ޞިއްޙަތާބެހޭ ވުޒާރާގެ ތަރުޖަމާނު، ޙުސައިން ކަރމަންޕޫރު ވަނީ ގެެއްލުން ލިބިފައިވާ އިމާރާތުގެ ފޮޓޯ ޙިއްޞާކޮށް އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ. އެ ފޮޓޮއިން ފެންނަ ގޮތުގައި އެ އިމާރާތުގެ އެއް ބައި ވަނީ ބޭނުން ނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ. އެ ޙަމަލާގައި އެއްވެސް މުވައްޒަފަކަށް ގެެއްލުން ލިބިފައި ނުވާ ކަމަށާއި އެ މަރުކަޒުގެ ޚިދުމަތްތަކަށް ބުރޫ އަރާފައި ނުވާ ކަމަށް އީރާނުން ބުނެއެވެ. އަދި އެ މަރުކަޒުން ވެކްސިންއާއި ސީރަމް އުފެއްދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ފާއިތުވި ދުވަސްތަކުގައި ޔަހޫދީންނާއި އެމެރިކާއިން ދެމުންެދާ ޙަމަލާތައް ޞިއްޙީ، ތަޢުލީމީ އަދި ދަތުރުފަތުރާބެހޭ ބިނާރަށް އަމާޒުކުރަމުންދާ މިންވަރު އިތުރުކޮށްފައިވާ ކަން ވަނީ ފާހަގަވެފައެވެ. ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު އީރާނާ ދެކޮޅަށް ޙަމަލާދީ އެމެރިކާއާއި ޔަހޫދީން ފަށާފައިވާ ހަނގުރާމައިގެ ފުރަތަމަ ހަފްތާތަކުގައި ބޮޑަށް ޙާމަލާ ދީފައި ވަނީ އަސްކަރީ، ސަލާމަތީ އަދި ސިޔާސީ އިމާރާތްތަކަށެވެ.

ޓެޑްރޮސް ވިދާޅުވީ ދެލަރަމް ސިނާ ސައިކެޓްރިކް ހޮސްޕިޓަލްއަށާއި ތައުފީޤު ދާރޫ ފާމަސޫޓިކަލް ފެސިލިޓީއަށް ވެސް ޔަހޫދީންގެ ޙަމަލާތަކުގެ ސަބަބުން ގެއްލުން ލިބިފައިވާ ކަމަށެެވެ. އޭގެ އިތުރުން އިމާމް ޢަލީ ހަސްފަތާލި ހުންނަ ސަރަޙައްދުގައި ވެސް ގޮވުމެއް ގޮވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މާރިޗު މަހުގެ 1ވަނަ ދުވަހުން ފެށިގެން މިހާތަނަށް އީރާނުގެ ޞިއްޙީ މަރުކަޒުތަކަށް 20 ޙަމަލާ ދީފައިވާ ކަމަށާއި، އެ ޙަމަލާތަކުގެ ސަބަބުން ނުވަ މީހުން ޝަހީދުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ރެޑް ކްރެސެންޓުން ބުނީ އެ ޤައުމުގެ 307 ޞިއްޙީ މަރުކަޒަކަށް ހަނގުރާމަ ފެށުނު ފަހުން ގެއްލުން ލިބިފައިވާ ކަމަށެވެ.