ޚަބަރު

އަންގާރަދުވަހު ނެޓްބޯޅަ ލީގު ފަށަނީ


  • ލީގުގައި ވާދަކުރާނީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ، އެން ސްޕޯޓްސް އަދި އެމްވީ ނެޓާރސް

  • ލީގުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 7 އިން 11 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއޭއެމް) އިން އިންތިޒާމުކޮށްގެން މުޅިން އަލަށް ބާއްވާ ޤައުމީ ނެޓްބޯޅަ ލީގު މިމަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 7 އިން 11 އަށް ކުރިއަށްދާ މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ކްލަބް މެޓްރިކްސް، ކްލަބް ގްރީން ސްޓްރީޓްސް، ކޭވައިއާރްސީ، ސްޕޯޓްސް ކްލަބް ޝައިނިންގ ސްޓާރ، އެން ސްޕޯޓްސްގެ އިތުރުން އެމްވީ ނެޓާރސްއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ޤައުމީ ނެޓްބޯޅަ ލީގުގެ ކުޅުން ކުރިއަށްދާއިރު، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރާއި ރޭގަނޑު ހިމެނޭހެން ދުވާލަކު ތިން މެޗު ކުޅޭގޮތަށެވެ. އެގޮތުން ލީގު ފެށިގެން ދާނީ 7 ވަނަ ދުވަހު ކްލަބް ގްރީން ސްޓްރީޓްސްއާއި އެން ސްޕޯޓްސް އެކަޑަމީ ވާދަކުރާ މެޗުންނެވެ. އެމެޗު އޮންނާނީ އެދުވަހުގެ ހަވީރު 04:45 ގައެވެ.

ނެޓްބޯލް އެސޯސިއޭޝަނުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ބުނެފައިވަނީ މިފަދަ ލީގެއް ތައާރަފްކުރުމުގެ ބޭނުމަކީ ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުންކަމަށެވެ. އަދި މިކުޅިވަރުގެ ތެރެއަށް އައު ކުދިން ތަޢާރަފްވެ، މިކުޅިވަރަކީ މަޤްބޫލު ކުޅިވަރަކަށް ހެދުމަކީ އެ އެސޯސިއޭޝަނުގެ އަމާޒެއްކަމަށް ނެޓްބޯލް އެސޯސިއޭޝަނުން ބުނެފަވެއެވެ.