އިނގިރޭސި އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް 39 އަހަރަށްފަހު ލީޑްސް ޔުނައިޓެޑް އިން ހޯދައިފި އެވެ.
ލީޑްސް އިން އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ވެސްޓްހޭމް ޔުނައިޓެޑް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ.
ވެސްޓްހޭމްގެ ލަންޑަން ސްޓޭޑިއަމްގައި ފަސްދޮޅަސް ދެހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 26 ވަނަ މިނިޓުގައި ލީޑްސްގެ އައޯ ޓަނާކާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. އަދި މެޗުގެ 75 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ އަކުން ލީޑްސްގެ ޑޮމިނިކް ކެލްވަޓް ލެވިން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ނޫނޫ އެސްޕިރީޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވެސްޓްހޭމް އިން ދެވަނަ ހާފުގައި ގިނަ ބަދަލުތަކެއް ގެނެސް އެ ޓީމުގެ ކުޅުން ވަނީ ވަރަށް ބޮޑުތަން ރަގަޅުކޮށްފަ އެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ތިން މިނިޓުގެ ތެރޭގައި ވެސްޓްހޭމް އިން ވަނީ ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މެތިއުސް ފެނާންޑޭޒް އާއި އެކްސެލް ޑިސާސީ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ވެސްޓްހޭމްގެ ގޯލުކީޕަރު އަލްފޮންސް އަރިއޯލާ އަނިޔާވެ އޭނާ ބަދަލު ކުރަން ޖެހުމާއި ގުޅިގެން އެ ޓީމުގެ ގޯލު ފަހުން ބަލަހައްޓާފައިވަނީ އުމުރުން 20 އަހަރުގެ ޒުވާން ކީޕަރު ފިންލޭ ހެރިކް އެވެ.
ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން މޮޅުވެ ލީޑްސް އިން މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އެ ޓީމު އެންމެ ފަހުން އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ކުޅެފައިވަނީ 1987 ވަނަ އަހަރު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި ލީޑްސް އާއި ދެކޮޅަށް ނިކުންނާނީ ޗެލްސީ އެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ސިޓީ އާއި ސައުތެމްޓަން އެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގަ އެވެ.