ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން، އީރާންގައި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިފައި އޮންނަ އޮތުން ރެކޯޑު މުއްދަތަކަށް ދިގުލައިގެން ގޮސްފައިވާއިރު، އެ ކަމުގެ ސަބަބުން އީރާންގެ ރައްޔިތުންނަށް އިޤުތިޞާދީ އަދި އިޖުތިމާޢީ މުސީބާތަކާ ޖެހިއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ އީރާނާ ދެކޮޅަށް ހަނގުރާމަ ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ވަނަ ދުވަހުއެވެ.
އޭގެ ކުރިން ވެސް އީރާންގެ ސަރުކާރުން ވަނީ އިންޓަރނެޓުގެ ޚިދުމަތްތަކަށް ކޮންމެވެސް ވަރަކަށް ހުރަސް އަޅަމުން ގޮސްފައެވެ. ނަމަވެސް، ޞަހްޔޫނީންނާ ގުޅިގެން އެމެރިކާއިން ފެށި ހަނގުރާމައާއެކު، އިންޓަރނެޓުގެ ޚިދުމަތް މިހާރު ވަނީ އެންމެ އިންސައްތައަކަށް ވެއްޓިފައެވެ. ޖަނަވަރީ މަހު އީރާންގެ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކާ ގުޅިގެން އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލާފައިވާއިރު، މި އަހަރުގެ މިހާތަނަށް ފާއިތުވި މުއްދަތުގެ ތެރެއިން ތިންބައިކުޅަ ދެބައި އީރާންގެ ރައްޔިތުން ތަހައްމަލު ކޮށްފައި މި ވަނީ އިންޓަރނެޓުގެ ޚިދުމަތާ ނުލައި، ޑިޖިޓަލް އަނދިރިކަމެއްގެ ތެރޭގައެވެ.
އިންޓަރނެޓުގެ ޚިދުމަތަށް ހުރަސް އެޅުމުގެ އިތުރުން އެމެރިކާގެ ހަނގުރާމައާ ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ އެތަކެއް ހާސް ބަޔެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ. އަދި، ކޮންމެ ދުވަހަކު އެ ޤައުމުގެ އިޤުތިޞާދަށް ދަނީ އެތަކެއް މިލިޔަން ޑޮލަރެއްގެ ގެއްލުން ލިބެމުންނެވެ. ވަޒީފާ ގެއްލުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ. އޭގެ ތެރެއިން އެކަކު މީޑިއާއާ ވާހަކަ ދައްކަމުން ބުނީ، އެ މީހުންގެ މުސްތަގުބަލު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމުގައެވެ. މީގެ އިތުރުން، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާންގެ ކަރަންޓާއި ފެން އުފައްދާ މަރުކަޒުތަކަށް ޙަމަލާދޭނެ ކަމުގައި ޓްރަމްޕް އިންޒާރު ދެއްވުމުން، އެ ފަދަ ޒަރޫރީ ޚިދުމަތްތައް ކެނޑިދާނެކަމުގެ ނަފުސާނީ ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
"އިންޓަނެޓް ޕްރޯ" ގެ ނަމުގައި އިންޓަރނެޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް، އީރާންގެ ދައުލަތުގެ ކުންފުނިތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ފަދަ ޚިދުމަތްތަކުގެ އަގު ބޮޑުވުމާއެކު، ޢާންމު ރައްޔިތުންނަށް އިންޓަރނެޓު މެދުވެރިކޮށް އެންމެ އާދައިގެ ކަންކަން ކޮށްލުމަށް ވެސް ވަނީ ދަތިވެފައެވެ. ރައީސް މަސްޢޫދު ޕީޒިޝްކިޔާންގެ ސަރުކާރުން މި ކަމާ މެދު ރަސްމީ ގޮތުން އެއްޗެއް ބުނެފައިނެތް ނަމަވެސް، މިއީ އެމެރިކާގެ ޣައިރުޤާނޫނީ ޢުދުވާނުގެ ސަބަބުން އީރާންގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ނުހަނު ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރިއެވެ.