ދުޅަހެޔޮ ޤައުމެއް ބިނާކުރުމާއި، ޒުވާނުން އަހުލުވެރިކުރުމަށް ބާރުއެޅުމަށާއި، އިޤްތިޞާދީ ކުރިއެރުމަށް ބާރުއެޅުމަށާއި، އެކުގައި ވަރުގަދަ މުސްތަޤްބަލެއް ބައްޓަންކުރުމަށް ކުޅިވަރުގެ ދާއިރާގެ ތަރައްޤީއަށް ބޮޑު އަހަންމިއްޔަތުކަންދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަނޭޝަނަލް ސްޕޯޓްސް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް ނުވަތަ، ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރުގެ ނަމުގައި ކޮންމެ އަހަރަކު ފާހަގަކުރާ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން އެމަނިކުފާނު ސޯޝަލް މީޑިއާގައި ހިއްސާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައިސް ވިދާޅުވީ ކުޅިވަރަކީ އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މުހިންމު ތަނބެއް ކަމަށާއި، ބޭނުންތެރި ހެޔޮ ބަދަލުތަކެއް ޤައުމީ ތަރައްޤީއަށް ގެނެސްދޭ ބާރެއް ކަމަށެވެ.
ރައީސް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމާއި އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާކުރުމުގައި، ކުޅިވަރާއި އޭގެ ހަމަތައް ކުރިއަރުވައިގެން ޒުވާނުންގެ ކިބައިގައި ރަނގަޅު އަހްލާގާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތް ކުރުމާއި، އިޙްތިރާމް އަށަގަންނުވައި، ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުމަށް ކުޅިވަރު މަގުފަހިކޮށްދޭ ކަމަށެވެ.
ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހަކީ 'ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރު' މި ނަމުގައި ފާހަގަކުރާ ހާއްސަ ދުވަހެކެވެ. މިއަހަރުގެ ތީމަކީ 'ސްޕޯޓްސް: ބިލްޑިން ބްރިޖަސް، ބްރޭކިން ބެރިއާސް" އެވެ.
ކުޅިވަރުން މަގުތައް ގުޅުވައިދީ، ހުރަސްތައް ނައްތާލުމުގެ މައްޗަށް ހާއްސަކޮށް ކަނޑައަޅާފައިވާ މިތީމުގެ ދަށުން ގައުމުތަކުގައި ކުޅިވަރުގެ ޒަރިއްޔާއިން އެއްބައިވަންތައް ގާއިމުކުރުމާއި ގައުމުތަކުގެ ދޭދޭ ގުޅުންތައް ހަރުދަނާ ކުރުމަށް ބާރުއަޅައެވެ.
ރައީސްގެ ޕޯސްޓް ނިންމާލެއްވީ، ބަދަލުވަމުންއަންނަ ކުކުޅިވަރުގެ ބާރުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތައް ހާސިލުކުރުމާއި ދިމާއަށް މަގުދައްކައިދިނުމަށް ގޮވާލައްވަމުންނެވެ. ރާއްޖޭގައި ހަރުދަނާ މުޖުތަމައުތަކެއް އުފައްދާ ބައިބައިވުންތައް ނައްތާލުމުގަށް ކުޅިވަރު މުހިންމު ދައުރެއް އަދާކުރެއެވެ.
ސަރުކާރގެ އަމާޒަކީ ރާއްޖެގެ ހުރިހާ ސަރަހައްދެއްގައި ކުޅިވަރުގެ ހަމަހަމަ ވަސީލަތްތައް ޤާއިމުކޮށް ކުޅިވަރުތަކުގެ މެދުގައި ތަފާތުކުރުންތައް ނައްތާލުމެވެ. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި އެކު ސަރުކާރުން އެކުލަވާލާފައިވާ ކުޅިވަރުގެ ދިގުރާސްތާ ޕްލޭނަށް ކަންކަން މަގުފަހިކުރުގައި އެސޯސިއޭޝަންތަކާއި ގުޅިގެން ކުޅިވަރުވުޒާރާއިން އަންނަނީ ކަންކަން ވިލަރެސް ކުރަމުންނެވެ.