ޚަބަރު

ހޭންޑްބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ޖަޕާނުގެ މާނާ އަގާރިއާ ރާއްޖެއަށް


  • މާނާއަކީ ކުޅިވަރުގެ ދާއިރާއިން ތައުލީމު ހާސިލުކޮށްފައިވާ ހޭންޑް ބޯޅައިގެ ދުވަސްވީ ތަޖުރިބާކާރެއް

  • މި ދަތުރުގައި ރާއްޖޭގެ ކުޅުންތެރިންނަށް ޓްރޭނިން ދޭނެ

އޭޝިއާ ހޭންޑްބޯޅައިގެ ފުންނާބު އުސް ތަޖުރިބާކާރެއް ކަމަށްވާ ޖަޕާނުގެ މާނާ އަގާރިއެ، އޭނާގެ ތަޖުރިބާ ހިއްސާކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

މާނާ އަގާރިއެގެ މި ދަތުރުގައި ރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމަށް ޓްރޭނިންގ ޝެސަނެއް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ. 3 ގަޑިއިރުގެ މި ސެޝަން އޮންނާނީ އަންގާރަދުވަހު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ 6 ނަމްބަރު ޓާފް ދަނޑުގައެވެ.

މާލެ އައުމަށްފަހު ޕީއެސްއެމް ނިއުސްއާއި އޭނާގެ މި ދަތުރުގެ ބޭނުން ހިއްސާ ކުރަމުން މާނާ ބުނީ އޭނާގެ 20 އަހަރު ދުވަހުގެ ހޭންޑްބޯޅައިގެ ތަޖުރިބާ ރާއްޖޭގެ ކޯޗުންނާއި ކުޅުންތެރިންނާއި ހިއްސާ ކުރާނެ ކަމަށެވެ. އަދި އޭޝިއާ ސަރަހައްދުގެ ހޭންޑްބޯޅަ މުސްތަގުބަލުގައި ކުރިއަރައިގެން އަންނަ އިރު ރާއްޖޭގެ ފެންވަރު މަތިކޮށްދިނުމަށް އޭނާވެސް މަސައްކަތް ކޮށްދޭނެ ކަމަށެވެ.

ޖަޕަނީޒް ލީގުގައި ގިނަ ދުވަސްތަކެއްވަންދެން ކުޅެފައިވާ އަދި މިހާރު ކުޅުންތެރިންނާއި، ކޯޗުން ތަމްރީނުކުރުމުގައި ޓެކްނިކަލްގޮތުން މުހިންމު ދައުރެއް އަދާކުރާ މާނާ ވަނީ ހަންގޭރީގެ އެންމެ މަތީ ފަންތީގެ ހޭންޑްބޯޅައިގައި 2 އަހަރު ދުވަހު ކުޅުންތެރިއެއްގެ ގޮތުންވެސް ހަރަކާތްތެރިވެފައެވެ.

"ދުނިޔޭގެ ލެވެލް އަށް ބަލާިއރު އޭޝިއާގެ ފެންވަރެއް އަދި އެހާ މައްޗެއް ނޫން. އެކަމަކު މުސްތަގުބަލުގައި އޭޝިއާ ހޭންޑްބޯޅައިގެ ލީޑިން ގައުމުތަކަށް ބަލާއިރު ޖަޕާނާއި ކޮރެއާ ކަހަލަ ގައުމުތައް ޓޮޕް ލެވެލަށް ދާނެ، އަދި ރާއްޖޭގެ ހޭންޑްބޯޅަވެސް މި އަންނަނީ ކުރިއަރަމުން. އެކަމަށް އަހަރެންވެސް ފުރަތަމަ މަސައްކަތްކޮށްދޭނީ" މާނާ ބުންޏެވެ.

އޭނާ މާލެ ގެނައުމަށް އެކި ފަރާތްތަކާއި މަޝްވަރާކޮށްގެން މިކަން ހަމަޖެހުނުއިރު، ހޭންޑްބޯލް މޯލްޑިވްސްއިން ބުނީ މިއީ ޖަޕާނު އެމްބަސީގެ އެހީތެރިކަމާއެކު ހޭންޑްބޯލް މޯލްޑިވްސްގެ ނައިބު ރައީސް، އިޔާޒް މަހެއްހާ ދުވަހު ކުރެއްވި މަސައްކަތުން ހަމަޖެހުނު ޓްރޭނިން ސެޝަނެއް ކަމަށެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މާނާގެ މި ދަތުރުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ކުރަން ހުރި ކަންކަމުގެ އިރުޝާދު ކުޅުންތެރިންނާއި ކޯޗުންނަށް ދޭނެ ކަމަށެވެ.

"މާދަމާ މި ބާއްވަނީ 3 ގަޑިއިރުގެ ޕްރެކްޓުސް ސެޝަނެއް، އޭމާގެ ތަޖުރިބާ ހިއްސާކޮށް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކޮށްލަން ހުރި ކަންތައްތަކާއި ބެހޭ ގޮތުން އިރުޝާދުދޭނެ. މީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް، އަޅުގަނޑުމެންގެ ހޭންޑްބޯޅަ މިވަގުތު ކުޑަކޮށް މަޑުޖެހިލާފަ އޮތް ވަގުތެއްގައި މީ ރަނގަޅު ކަމެއް" މުޖުތަބާ ވިދާޅުވިއެވެ.