އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ހުސެއިން ދީދީ އެ މަގާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވަނީ މިއަދުއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން، ޕީސީބީން ވިދާޅުވީ، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ގދ. ތިނަދޫ ބްލެކްސްމިތު، ހުސެއިން ދީދީ މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހުސެއިން ދީދީ ޢައްޔަނުކޮށްފައިވަނީ 2024ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.
އެގްރޯނެޓަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ މަޤުޞަދުގައި 2020 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައި އެގްރޯނެޓްއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި ބަދަލުގެ މައިގަނޑު މަޤްސަދަކީ ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ދަނޑުވެރިކަމުގެ ސިނާއަތުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަނޑުވެރިން ހައްދާތަކެތި ވިއްކޭނެ އިތުރު މަގުތައް ފަހިކޮށް، ދަނޑުވެރިކަމުން އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރުމެވެ.