ތެޔޮއުފައްދާ މިންވަރު މަދުކުރުމަށް އޯޕެކްގެ ޤައުމުތަކުން އަލްޖަޒާއިރުގައި ވި އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 5 އިންސައްތައަށް މައްޗަށް ޖެހިއްޖެއެވެ. މިއީ ތެލުގެ އަގު މަތިކުރުމަށްޓަކައި 2008 ވަނަ އަހަރަށްފަހު ތެޔޮއުފައްދާ މިންވަރު މަދުކުރުމަށް އޯޕެކްގެ ޤައުމުތަކުން އެއްބަސްވި ފުރަތަމަ އެއްބަސްވުމެވެ. އެހެންކަމުން މިއީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ކޮންޓްރޯލް އަލުން ހޯދުމަށްޓަކައި އޯޕެކުންވި ތާރީޚީ އެއްބަސްވުމެއް ކަމަށް އެޖަމްޢިއްޔާއިން ސިފަކޮށްފައިވެއެވެ.
ތެޔޮއުފައްދާ މިންވަރު މަދުކުރުމަށްޓަކައި، 8 އަހަރަށްފަހު އޯޕެކަށް އެއްބަސްވުމަކަށް މިއާދެވުނީ އެޖަމްޢިއްޔާގައި ހިމެނޭ އެންމެ ނުފޫޒު ގަދަ ދެޤައުމު ކަމަށްވާ ސަޢޫދީ އަރަބިއްޔާއާއި އީރާނުން އެ ދެޤައުމުގެ ދެމެދުގައިވާ ވާދަވެރިކަމާއި ދެބަސްވުންތައް އެއްފަރާތްކޮށް މިކަމަށްޓަކައި އެ ދެޤައުމުން ބޮޑެތި ދޫތަކެއް ދިނުމުގެ ސަބަބުންނެވެ. އީރާނަކީ އޯޕެކްގެ ބައްދަލުވުންތަކުގައި އަބަދުވެސް ސަޢޫދީ އަރަބިއްޔާއާ އިދިކޮޅު ވާދަވެރި ސިޔާސަތެއް ގެންގުޅޭ ޤައުމެކެވެ. ނަމަވެސް މިފަހަރުގެ ބައްދަލުވުމުގައި އަލްޖަޒާއިރުގެ އެދުމުގެ މަތިން އެ ދެޤައުމުވެސް ވަނީ އެކައްޗެއް ކިޔައި ތެޔޮ އުފައްދާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ. އީރާނުގެ ތެލާބެހޭ ވަޒީރު ބޭގިން ޒެންގްނާ ހާމަކުރެއްވިގޮތުގައި އޯޕެކުން ނިންމީ އެޖަމްޢިއްޔާއިން ތެޔޮ އުފައްދާ މިންވަރުގެ ތެރެއިން ދުވާލެއްގެ މައްޗަށް ހަތްލައްކަ ފީފާ މަދު ކުރުމަށެވެ. މިހާރު އޯޕެކުން އުފައްދަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 33.2 މިލިޔަން ފީފާގެ ތެލެވެ.
މިއެއްބަސްވުމާއެކު އޯޕެކުން ދެން އުފައްދާނީ ދުވާލެއްގެ މައްޗަށް 32.5 މިލިޔަން ފީފާއާއި 33 މިލިޔަން ފީފާއާ ދެމެދުގެ މިންވަރެކެވެ. ފާއިތުވި 4 އަހަރު ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އާދަޔާ ޚިލާފަށް ދަށަށް ދިޔައީ ތެލުގެ ޑިމާންޑަށްވުރެ ތެލުގެ ސަޕްލައި ބާޒާރުގައި އިތުރުވުމުގެ ސަބަބުންނެވެ. ތެލުގެ ސަޕްލައި ބާޒާރުގައި އިތުރުވެގެންދިޔައީ އޯޕެކް ޤައުމުތަކުންނާއި އޯޕެކުން ބޭރުގައި ތެޔޮއުފައްދާ ޤައުމުތައް ކަމަށްވާ އެމެރިކާއާއި ރަޝިޔާއިންވެސް ތެޔޮއުފައްދައި ބާޒާރަށް ނެރޭމިންވަރު އިތުރު ކުރުމުގެ ސަބަބުންނެވެ. ތެޔޮ ފީފާއެއްގެ އަގު 120 ޑޮލަރުން ގާތްގަނޑަކަށް 40 ޑޮލަރަށް ދަށަށް ދިޔުމުގެ ސަބަބުން ސަޢޫދީ އަރަބިއްޔާއާއި ގަލްފުގެ އެހެން ޤައުމުތަކާއި ވެނެޒުއެލާއާއި ނައިޖީރިޔާ ފަދަ ތެލުގެ އާމްދަނީއަށް ބަރޯސާވާ ޤައުމުތަކަށްވަނީ މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.
އޯޕެކްގެ ތެލާބެހޭ ވަޒީރުން ވިދާޅުވަނީ އެޖަމްޢިއްޔާއިން ތެޔޮ އުފައްދާ މިންވަރުން ދުވާލެއްގެ މައްޗަށް ހަތްލައްކަ ފީފާ އުނިކުރުމުން ކުރިޔަށްއޮތް މަސްތަކުގައި ތެލުގެ ސަޕްލައިދަށްވެ ދުނިޔޭގެ ބާޒާރުތަކުގައި ތެލުގެ އަގު މަތިވެގެންދާނެ ކަމަށެވެ. އަނެއްކޮޅުން ތެލުގެ އަގު މައްޗަށް ދިޔުމަކީ ތެޔޮ ނުއުފައްދާ އަދި ތެޔޮ އިންޕޯޓްކުރާ ޤައުމުތަކުގެ އިޤްތިޞާދަށް ދަތިތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. އެހެންކަމުން ތެލުގެ އަގު މަތިކުރުމަށް އޯޕެކުން މަސައްކަތް ކުރިނަމަވެސް ތެޔޮ އިންޕޯޓްކުރާ އެމެރިކާފަދަ ޤައުމުތަކުން އުފައްދާ ތެލުގެ މިންވަރު އިތުރުކޮށްފިނަމަ އޯޕެކުން އުންމީދުކުރާ މިންވަރަށް ތެލުގެ އަގު މައްޗަށް ނުދާނެކަމަށް ތަޖްރިބާކާރުން ދެކެއެވެ. އަލްޖަޒާއިރުގައި ބުދަދުވަހު ބޭއްވި އޯޕެކްގެ ތެލާބެހޭ ވަޒީރުންގެ ބައްދަލުވުމުން ވަނީ އެޖަމްޢިއްޔާގައި ނުހިމެނޭ ރަޝިޔާއާއި އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ޤައުމުތަކަށްވެސް ތެޔޮއުފައްދާ މިންވަރު މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. ނަމަވެސް މިޤައުމުތަކުން އޯޕެކްގެ އިލްތިމާސްއަށް އިޖާބަ ދޭނެކަން ނުވަތަ ނޫންކަން އެނގޭނީ ކުރިޔަށްއޮތް ދުވަސްތަކުގައެވެ.
އޯޕެކުން އުފައްދާ ތެލުގެ މިންވަރު މަދުކުރިނަމަވެސް ދުނިޔޭގެ ޤައުމުތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވަމުން ދިޔުމާ އަދި ތެޔޮ އުފެއްދުމަށްޓަކައި އެމެރިކާގައި ޝެއިލް އޮއިލް ޓެކްނޮލޮޖީ ބޭނުންކުރަމުން ދިޔުމުގެ ސަބަބުން މީގެ 5 އަހަރު ކުރިން ތެލުގެ އަގުއޮތް މިންވަރު ކަމަށްވާ ފީފާއަކަށް 120 ޑޮލަރަށް ދެން ތެލުގެ އަގު މައްޗަށް ނުދާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.