ޚަބަރު

އެތުލީޓުން ކުރިއެރުވުމަށް ޖަޕާނުން ރާއްޖެއަށް އެހީތެރިވާނެ: އެމްބެސެޑަރ


  • ސަފީރު މިހެން ވިދާޅުވީ ހޭންޑްބޯޅަ ތަކެއް ހަދިޔާކުރުމަސް ބޭއްވި ރަސްމިއްޔާތެއްގައި

  • ސަފީރު ވިދާޅުވީ ކުޅިވަރުން ދެގައުމުގެ ގުޅުން ބަދަހިކޮށްދޭ ކަމަށް

ޖަޕާނުން ރާއްޖޭގެ ކުޅިވަރުގެ ދާއިރާއާއެކު އޮންނަ ގުޅުން ބަދަހި ކުރައްވާ ޒުވާން އެތުލީޓުން ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ރާއްޖޭގެ ހޭންޑްބޯލް މޯލްޑިވްސްއަށް ބޯޅަތަކެއް ހަދިޔާކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ 6 ނަމްބަރު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިޝިގާމީ ވިދާޅުވީ މި ހޭންޑްބޯޅަތަކަކީ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ކުރިޔަށް އޮތްތަނުގައި ބޮޑެތި ކާމިޔާބީތައް ހޯދުމަށް ލިބޭ ހިތްވަރަކަށްވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ކުޅިވަރަކީ އެކި ސަގާފަތްތައް ގުޅުވައިދޭ ފާލަމެއްކަމަށާއި، އެކުވެރިކަމާއި ސުލްޙަ ގާއިމުކޮށްދޭ ބާރެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ މިއީ "ސްޕޯޓްސް ޑިޕްލޮމެސީ އެންހޭސްމެެންޓް ޕްރޮޖެކްޓްގެ ދަށުން ހަދިޔާ ކުރެވޭ ލެގަސީ ބޯޅަތަކެއް" ކަމަށެވެ. މިއީ ހަމައެކަނި ކުޅިވަރު ސާމާނު ހަދިޔާކުރުން ނޫން ކަމަށާއި، މިކަމުން ދޭހަކޮށްދެނީ ދެގައުމުން ކުޅިވަރަށް ދޭ ހިތްވަރާއި ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ގާތްގުޅުން ކަމަށް ސަފީރު ވިދާޅުވިއެވެ.

"މިއީ ހަމައެކަނި ކުޅިވަރު އާލާތްތެއް ހަދިޔާ ކުރުމެއް ނޫން. ޖަޕާނާ ރާއްޖެއާއި އޮތް ގުޅުމުގެ ރަމްޒެއް، ކުޅިވަރަކީ މީހުން އެންބައިވަންތަކުރުވާ އަދާޔާ ހިލާފު ބާރެއް، ކުޅިވަރު އަހަރުމެންނަށް ދިރިއުޅުމުގެ މުހިންމު ފިލާވަޅުތައް ބުނެދޭ. ރަނގަޅު އަހްލާގާއި، އިހްތިރާމާއި، ގުޅިގެން މަސައްކަތް ކުރަން ދަސްކޮށްދޭ" އެމްބެސެޑަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި، އެހެންނިހެން ކުޅިވަރުތަކަށްވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށާއި، ބައިނަލްއަޤުވާމީ ގުޅުންތައް ބަދަހިކުރައްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއަށް ޖަޕާނުން ހިއްސާކުރާ ތަޖުރިބާއާއި އެކުވެރިކަމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ. ކުޅިވަރުން ދެގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކޮށްދޭކަންވެސް ހާމަކުރައްވާ އެކަމަނާގެ ވާހަކަކޮޅު ނިންމަވާލެއްވީ މިއަހަރު ޖަޕާނުގެ ނަގޯޔާގައި ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހޭންޑްބޯޅަ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.

ޓޮކިޔޯ އޮލިމްޕިކްސް 2020 ގައި ބޭނުންކޮށްފައިވާ ދެ ހޭންޑްބޯޅަ ހަދިޔާކުރުމަށް ބޭއްވި މި ރަސްމިއްޔާތަށްފަހު ރާއްޖޭގެ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ގައުމީ ހޭންޑްބޯޅަ ޓީމުތަކުގެ މެދުގައި އެގްޒިބިޝަން މެޗެއް ކުޅެފައިވެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާއިބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަބްދުލް ރައްޒާގު އިބްރާހީމް، ރާއްޖޭގެ އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު، އެމްއޯސީގެ ދެ ނައިބު ރައީސުންކަމަށްވާ އަޙްމަދު މުންތަގިމާއި އަޙްމަދު އިސްމާއީލް ބައިވެރިވެވަޑަގަތެވެ.

އަދި ހޭންޑްބޯޅަ މޯލްޑިވްސް ރައީސް އަހުމަދު މުޖުތަބާ އާއި ނައިބު ރައީސް އިޔާޒުގެ އިތުރުން ޕެރަލިމްޕިކް ކޮމިޓީގެ ރައީސާ، އާއިޝަތު ނަޖާހުވެސް މި ހަލްފާގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ރާއްޖޭގެ އެކި އުމުރުފުރާތަކުގެ ހޭންޑްބޯޅަ ޓީމުތަކުގެ ކޯޗުންނާއި ސީނިއާ ގައުމީ ޓީމުގެ ދެ ޖިންސުގެ ކުޅުންތެރިން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.