ގިނަ ބަޔަކު ވޯޓުލާން ނިކުތުމުން ހާމަވަނީ މުޢައްސަސާތަކަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ކަމަށް ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް އިންތިޚާބު މައްސަލަތަކެއް ކުރިމަތިނުވެ އަމާންކަމާއެކު ކުރިއަށްދިއުމާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ފުރަތަމަ ފަހަރަށް 3 ވޯޓެއް އެކުގައި ނެގުމަށް ބޭއްވި މި އިންތިޚާބާއި ގުޅޭގޮތުން މީސްމީޑިއާގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވަނީ، ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުވެސް އެދުވަހު ކުރިއަށް ގެންދިޔަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ފަރާތްތަކަށް ވަޒީރު މަރުހަބާ ވިދާޅުވިއެވެ. މިފަހަރު ބޭއްވި އިންތިޚާބުގައި %73 މީހުން ވޯޓުލާން ނިކުމެފައިވާއިރު، މިއީ ކައުންސިލް އިންތިޚާބެއްގައި ނިސްބަތުން ވޯޓުލުމަށް އެންމެ ގިނަ މީހުން ނިކުތް ފަހަރު ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުން ދައްކުވައިދެނީ، ދައުލަތުގެ މުޢައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އޮތް މިންވަރު ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
މިފަހަރު އިންތިޚާބު އެއްވެސް މައްސަލައެއް ނުޖެހި އަމާންކަމާއެކު އޮމާންކަމާއެކު ކުރިއަށް ގެންދެވިފައިވާކަން ފާހަގަކުރައްވާ ޚަރިޖީ ވަޒީރު ވިދާޅުވީ، މިއީ ދިމިޤުރާތީ ހިންގުމާއި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން މެދުނުކެނޑި ކުރަމުންދާ މަސައްކަތާއި ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ. މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ސަރުކާރުން އަބަދުވެސް އިސްކަންދޭނީ، ހުރިހާ ރައްޔިތުން ޝަމިލްވާ ތަރައްޤީއެއް ގެނެސްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންތިޚާބުގެ ކާމިޔާބުކަން ޚާރިޖީ ވަޒީރު ފާހަގަކުރައްވާފައިވާއިރު، މިއިންތިޚާބުގެ އިންތިޒާމުތަކާއި ރަނގަޅުކަން ފާހަގަކޮށް އެކަމަށް އިންތިޚާބު އޮބްޒާވް ކުރަން އައި ބައިނަލްއަޤްވާމީ އޮބްޒާވަރުންވެސް ވަނީ ތަޢުރީފް ކުރައްވާފައެވެ. އޮބްޒާވަރުންގެ ޓީމުން ވިދާޅުވީ، އެ ޓީމުގެ އެކި މެންބަރުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނާ ހަމައަށް އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އިންތިޚާބުގެ ކަންކަން ވޯޓުލާން ފެށި ވަގުތުން ފެށިގެން ވޯޓު ގުނުމާ ހަމައަށް ބަލާފައިވާއިރު، ޖުމްލަކޮށް ވޯޓުގެ ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ ވަރަށް އަމާންކަމާއެކުގައި ކަމަށެވެ.
މި އިންތިޚާބުގެ ކަންކަން ބެލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް 7 ޤައުމަކުން 14 އޮބްޒާވަރުން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރާއްޖޭގައި ޤާއިމުވެފައިވާ އެކި ޤައުމުތަކުގެ އެމްބަސީތަކުގެ އޮބްޒާވަރުން ހިމެނޭހެން ޖުމްލަ 38 ބައިނަލްއަޤުވާމީ އޮބްޒާވަރުން ވަނީ މި އިންތިޚާބުގައި ހަރަކާތްތެރިވެފައެވެ.