ޚަބަރު

އަމިއްލަ ދަނޑުގައި އެތްލެޓިކޯ އަތުން ބާސެލޯނާ ބަލިވެއްޖެ


ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެ އެވެ.

ބާސެލޯނާގެ ނޯ ކޭމްޕްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ބާސެލޯނާ ބަލިވެފައިވާއިރު މިއީ 2006 ވަނަ އަހަރަށްފަހު މި ދަނޑުގައި އެތްލެޓިކޯ މެޑްރިޑް އަތުން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗަށް ނިކުތުމުގެ ކުރިންވެސް ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނެފައިވަނީ އެތްލެޓިކޯ މެޑްރިޑް އާއި ދެކޮޅަށް ކުޅޭއިރު އަމިއްލަ ދަނޑުގައި ކުޅޭ މެޗުން ރަގަޅު ނަތީޖާއެއް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެތްލެޓިކޯ މެޑްރިޑް އިން ލަނޑު ޖަހާ ލީޑު ހޯދާފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އެތްލެޓިކޯ މެޑްރިޑް އިން މި ލަނޑު ޖެހުމުގެ ކުރިން ބާސެލޯނާގެ ޕައު ކުބާސީ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. އެހެންކަމުން މެޗުގެ ދެވަނަ ހާފު އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މި މެޗުގައި އެތްލެޓިކޯ މެޑްރިޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 70 ވަނަ މިނިޓުގައި އެލެކްޒެންޑަރ ސޯލޮތް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން ރަގަޅު ކުރި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފަ އެވެ. މާކަސް ރަޝްފޯޑް ދެވަނަ ހާފުގައި ފޮނުވާލި ނުރައްކާތެރި ހަމަލައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހަފްތާގައި އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގަ އެވެ.