ކުޅިވަރު

ވޯލްޑް ކަޕް ކުޅެން ސުއަރޭޒް އެނބުރި ގައުމީ ޓީމަށް އަންނަނީ


ކުރިއަށް އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކުޅެފާނެ ކަމުގެ އިޝާރާތެއް އުގުރުއޭގެ ކުރީގެ ފޯވަޑް ލުއިސް ސުއަރޭޒް ދީފި އެވެ.

އުމުރުން މިހާރު 39 އަހަރުގެ އިންޓަ މިއާމީގެ ފޯވަޑް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2024 ވަނަ އަހަރު އެވެ. ނަމަވެސް ވޯލްޑް ކަޕަށް ދެ މަހަށް ވެފައިވަނިކޮށް އޭނާ ބުނީ ގައުމީ ޓީމުން ބޭނުންވާނަމަ ކުޅެން މިހުރީ ތައްޔާރަށް ކަމަށެވެ.

"އަހަރެން ކުޅުން ހުއްޓާލީ ތަފާތު ސަބަބުތަކާހުރެ އެކަމަކު ހުއްޓާލި ފަހުން އަހަރެންނަށް އޭގެ އުނިކަން އިހުސާސްވި. އަހަރެން މިހުރީ ގައުމީ ޓީމުން އަހަރެން ބޭނުންވާނަމަ ކުޅެން ތައްޔާރަށް. ގައުމީ ޓީމަށް ކުޅުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ބޭނުންވާނެ ކަމެއް. އަހަރެން މިދަނީ މިކަމާމެދު ވިސްނަމުން. ގައުމީ ޓީމަށް ގޮވާލައިފިނަމަ އަހަރެން ނޫނެކޭ ނުބުނާނަން،" ސުއަރޭޒް ބުންޏެވެ.

ކުރިން ލިވަޕޫލާއި ބާސެލޯނާގައި މޮޅަށް އަޔެކްސް އާއި އެތްލެޓިކޯ މެޑްރިޑްގެ ކުރީގެ ފޯވަޑް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 17 އަހަރުން 143 މެޗު ކުޅެދީ 69 ގޯލު ޖަހައިދީފަ އެވެ.

"އަހަރެން އަދިވެސް މިދަނީ ކުލަބު ލެވެލްގައި ކުޅެމުން. އެހެންވީމާ އަހަރެން ފިޓް ގައުމީ ޓީމަށް ވެސް ކުޅެން. އެހެންވީމާ އަހަރެން މިހުރީ ގައުމީ ޓީމަށް ކުޅެވޭ ހާލަތުގައި،" ސުއަރޭޒް ބުންޏެވެ.

އަންނަ ޖޫން މަހު ފަށާ މި ފަހަރުގެ ވޯލްޑް ކަޕުގައި އުރުގުއޭ ހިމެނެނީ ސައޫދީ އަރަބިއާ އާއި ކޭޕްވާޑޭ އާއި ސްޕޭން ހިމެނޭ ގްރޫޕުގަ އެވެ.