ޚަބަރު

ޙުރުމަތްތެރިވެގެންވާ 4 މައްސަރުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑު


  • މި މައްސަރުތަކުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރު

  • މިފަދަ މައްސަރެއްގައި މުއުމިނު އަޅާގެ މައްޗަށް ވަނީ އަޅުކަމުގައި ހީވާގިވުން

  • އަމިއްލަ ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނެ ކަމެއް

ޙުރުމަތްތެރިވެގެންވާ ހަތަރު މައްސަރުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑުކުރައްވާފައިވާ ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ހުކުރު ޚުޠުބާގެ މައުޟޫއަކީ، "ޙުރުމަތްތެރިވެގެންވާ މައްސަރުތައް" މިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ، އަހަރުގެ މައްސަރުތަކުގެ ޢަދަދަކީ، ﷲގެ ޙަޟުރަތުގައި ބާރަ މަސް ކަމަށެވެ. އޭގެ ތެރެއިން، ހަތަރު މަސް ޙުރުމަތްތެރިވެގެންވާ ކަމަށެވެ.

ޙުރުމަތްތެރިވެގެންވާ 4 މައްސަރަކީ ވިދިވިދިގެން އަންނަ ތިން މަސް ކަމުގައިވާ ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހެވެ. އަދި ޖުމާދަލް އާޚިރާއާއި ޝަޢުބާން މަހާ ދެމެދުގައި އަންނަ މުޟަރުވަންހައިގެ މީހުން ކަމޭހިތި ރަޖަބު މަހެވެ. ޙުރުމަތްތެރިވެގެންވާ މި 4 މައްސަރުގައި ކުރާ ހެޔޮ އަމަލުތަކުގެ ދަރުމައާއި، ޘަވާބު އިތުރުވާއިރު ކުރާ ފާފައިގެ ފާފަވެރިކަންވެސް ބޮޑުވެގެންވާ ކަމަށް ވިދާޅުވިއެވެ.

"ފާފަތަކަށް އަރައިގަތުމުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރި ނުވުމަށް މާތް الله އަންގަވައިފައިވަނީ އަހަރުގެ ބާރަ މަސް ދުވަހުގައެވެ. ފަހެ މީގެ ތެރެއިން ހަތަރު މަސް ޚާއްޞަކުރައްވައި ހުރުމަތްތެރިކުރައްވައި މަތިވެރި ކުރެއްވިއެވެ. އަދި އެ މައްސަރުތަކުގައި ކުރާ ފާފައިގެ ފާފަވެރިކަން ބޮޑު ކުރެއްވިއެވެ. އަދި ހެޔޮ ޢަމަލުތަކުގެ ދަރުމައާއި ޘަވާބު އިތުރު ކުރެއްވިއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.

އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމް ކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުން ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ، މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މިފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވާ ކަމަށް ޚުޠުބާގައި ވިދާޅުވެފައިވެއެވެ. އެއީ އެފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާއެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރި ކުރައްވައި ޙުރުމަތްތެރި ކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތް ކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށް ހިތުން ކަމުގައި ވާތީއެވެ.

މި ފަދަ މަތިވެރި މައްސަރަކާ ބައްދަލުވުމުން މުއުމިނު އަޅާގެ މައްޗަށް ވަނީ އަޅުކަމުގައި ހީވާގިވުމެވެ. އެއީ، މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޛިކުރު ކުރުމާއި، ދުޢާ ކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރު ކިޔުން ފަދަ ދުލުން ކުރާ އަޅުކަންތައް ގިނަ ކުރުމެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތް ދިނުމެވެ. އަދި ރޯދަ ހިފުމާއި، ޞަދަޤާތް ކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރު ދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުޞީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޢަމަލީ ގޮތުން ކުރާ ހެޔޮކަންތައް ވެސް ގިނަ ކުރުމެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ވެސް މި ވަގުތުތަކުގެ ފައިދާ ޙާޞިލުކުރާން ވާނެކަމަށް ޚުޠުބާގައި ވަނީ ބަޔާން ކުރައްވާފައެވެ.

ހަމަ އެއާއެކު، ޣީބަ ބުނުމާއި، ދޭތެރެ ޖެއްސުމާއި، ދޮގު ހެދުމާއި، މީހުންނަށް އެއްޗެހި ގޮވުމާއި، ލަޢުނަތްދިނުން ފަދަ ނުބައި ފާފަތަކުން ރައްކާތެރިވެ ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. ބާއްޖަވެރިޔަކީ މާތް ﷲގެ ރުހިވޮޑިގަތުމާއި، އެކަލާނގެ ލޯބިވެ ވޮޑިގަތުމާއި، ފާފަފުއްސެވުމާއި، ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަތަކާއި، މަޤާމުތަކަށް ވާޞިލުވުމަށް އެމީހެއްގެ ނަފުސު އެދި މަސައްކަތް ކުރާ މީހާ ކަމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.