މިހާރު އަމަލުކުރަމުން އަންނަ ކުޅިވަރު ޤާނޫނަށް އެސޯސިއޭޝަންތައް އަހުލުވެރިވާ ވަރަކަށް އެސޯސިއޭޝަންތަކުގެ ހިންގުމުގެ ދާއިރާއަށް ހެޔޮ ބަދަލުތައް އަންނާނެކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.
އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙުމަދު ސަޢީދު ވިދާޅުވީ މިހާރު އެސޯސިއޭޝަންތައް ކުރިއަށްވުރެ ހޭލުންތެރިވެއްޖެ ކަމަށާއި، އޮންނަ އުސޫލުތަކަށް އަމަލުކުރުން ކުރިއާއި އަޅާބަލާއިރު ރަނގަޅު ކަމަށެވެ.
ކުޅިވަރު އެސޯސިއޭޝަންގެ ހަރަދުތަކާއި، އޮޑިޓް ކުރުމާއި އެހެނިހެން ކަންކަންވެސް އޮންނަ ގަވާއިދުތަކާއި އުސޫލުތަކުގެ ދަށުން ދޭތޯ އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން އަންނަ ކަމަށް ތަމޫހު ފާހަގަކުރެއްވިއެވެ.
މިހާރު އަމަލުކުރަމުން އަންނަ ކުޅިވަރު ގާނޫނުގެ ދަށުން އައި ބަދަލުތަކާއެކު ކޮންމެ އެސޯސިއޭޝަނަކުންވެސް އަހަރީ އާންމު ޖަލްސާ މާޗް 30 ގެ ކުރިން ބާއްވަން ޖެހެއެވެ. އެކި ސަބަބުތަކާ ހެދި އެތާރީޚށްވުރެ ލަސްވާނަމަ ދެން އަހަރީ އާންމު ޖަލްސާ ބޭއްވޭނީ ސްޕޯޓްސް ކޮމިޝަނަރގެ އޮފީހުގެ ހުއްދައެއްގެ ދަށުންނެވެ.
މީގެ ކުރިން އެސޯސިއޭޝަންތަކުގެ އަހަރީ އާންމު ޖަލްސާތައް އެ ސޯސިއޭޝަނަކުން ބޭނުންވާ ދުވަަކު ބޭއްވި ނަމަވެސް މިހާރު އެކަން ކުރަން ގާނޫނުގައި އޮންނަ މުއްދަތުގައި ކުރަން ޖެހޭ ކަމަށް ތަމޫހު ވިދާޅުވިއެވެ.
އެސޯސިއޭޝަންތަކުގެ ހިންގުމާއި ހަރަދުތައް ކުރަން ޖެހޭ ގޮތާއި، އޮޑިޓް ކުރަން ޖެހޭ އުސޫލުތަކެއް މިހާރު ކޮންމެ އެސޯސިއޭޝަނަކާއިވެސް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހާއި އޮލިމްޕިކް ކޮމިޓީން ހިއްސާކުރެއެވެ.
ހަރަދުތައް ކުރުމާއި އޮޑިޓުގެ ގަވާއިދާއި ހިލާފުވެ ހިންގުމުގެ ދާއިރާގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވެއްޖެނަމަ ބައިނަލްއަގްވާމީ ފެޑެރޭޝަންތަކުން އަޅާ ފިޔަވަޅުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް ބައެއް ފަހަރު އުނދަގޫތަކެއް ކުރިމަތިވާކަމަށް ތަމޫހު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގައި އެންމެ އުނދަގޫކަމަކީ ސަރުކާރުގެ ބައިވެރިވުމެއް ނެތި ކިހިނެތްތޯ ހައްލު ކުރާނީ. ތިންވަނަ މީހާއަކީ ތިމާގެ މީހެއް. އެހެންވީމަ ބައެއް ފަހަރު އުނދަގޫތަކެއް ހުރޭ. އެކަމު ކިހިނެތްތޯ ދެން ހަދަންވީ، ކާކާތޯ ވާހަކަދައްކާނީ. އެއެއްޗެހިތައް ވަރަށް ގަވާއިދުން ވާހަކަ ދައްކައިގެން ކުރިޔަށް ގެންދިއުން އެއީ ގަބޫލުކުރެވޭ ރަނގަޅު ގޮތަކީ" ތަމޫހު ވިދާޅުވިއެވެ.