ޚަބަރު

އީގަލްސް ބަލިކޮށް ބްލޫ އެސްސީ ސެމީއަށް


  • ބްލޫ މޮޅުވީ ޕެނަލްޓީ ޖަހައިގެން 3-4 އިން

  • މެޗުގެ 90 މިނެޓުގެ ކުޅުން ނިމުނީ 2-2 އިން އެއްވަރުވެގެން

މި އަހަރުގެ އެފްއޭ ކަޕުގައި ކުޅުނު ފުރަތަމަ މެޗުގައި، ކްލަބް އީގަލްސް ބަލިކޮށް، މުބާރާތުގައި ވާދަކުރާ ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ހަމައެކަނި ކުލަބު، ބްލޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.

ބްލޫ އިން ސެމީގެ ޖާގައެއް ހޯދީ، މިއަދު ހަވީރު ގަލޮޅު ދަނޑުގައި އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި، ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ބްލޫއިންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ފާލިޙް ލަމްރަތުއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ބްލޫ ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވަރުގަދަކޮށް ފެށީ އީގަލްސްއިންނެވެ. މުޅި ޓީމުހެން ކުރިއަށް ޖެހިގެން އެޓޭކިން ގޭމެއް އީގަލްސްއިން މި ހާފު ފަށައިގެން ކުޅުނުއިރު، 58 ވަނަ މިނެޓުގައި އީގަލްސްއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މިއީ އޭރިއާ ތެރެއިން އީގަލްސްގެ އިބްރާޙީމް މަހުދީ ހުސެއިންއަށް، ބްލޫގެ މުޙައްމަދު ނާހިލް ނޫހު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

މި ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާޢީލް އީސައެވެ.

އީގަލްސްއިން ވަނީ އޭގެ 17 މިނެޓުފަހުން އިތުރު ލަނޑެއް ޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގާފައެވެ. އޭރިއާ ބޭރުގައި ހުރެފައި ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ.

މޮޅުވާން ދިޔަ އީގަލްސްގެ އުއްމީދުތަކަށް ނިމުން އައީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ ފަހުކޮޅު ކުޅެން އެރި އަބްދުﷲ އިޔާދު ޖެހި ލަނޑާއެކު އަނެއްކާވެސް މެޗުގެ ނަތީޖާ ހަމަހަމަވުމުންނެވެ.

މި ނަތީޖާއާއެކު މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމުނުއިރު ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ.

ޕެނަލްޓީގައި ބްލޫއިން ކުރިހޯދީ 3-4 އިންނެވެ.

ބްލޫއަށް ޕެނަލްޓީ ޝޫޓްއައުޓުގައި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޝިޔާން، އިޔާދު އަދި މައިކަލްއާއި ޖިނާހުއެވެ. ޕެނަލްޓީ ކާމިޔާބުނުކުރެވުނީ މެނުއަލް ކޯފީ އަށެވެ.

އީގަލްސްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޒައިންއާއި ޓޮޝްޕިލަޓޮވްގެ އިތުރުން ކެޕްޓަން ސަމީހުއެވެ. ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އިސްމާޢީލް އީސަ އަށާއި ޒުހާން އަށެވެ.

މި މެޗުން ހޯދި މޮޅާއެކު ބްލޫ ސްޕޯޓްސް ކުލަބުން މުބާރާތުގެ ސެމީގެ ޖާގައެއް ހޯދިއިރު ސެމީގައި އެ ޓީމު ނުކުންނަން ޖެހޭނީ މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އޮޑި ސްޕޯޓްސް ކުލަބު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

މި އަހަރުގެ އެފްއޭ ކަޕުގައި ވާދަކުރަނީ ޖުމްލަ އަށް ޓީމެވެ. އެއީ ބްލޫއާއި އީގަލްސްގެ އިތުރުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބުރު ސްޕޯޓްސް ކުލަބު އަދި ޓީސީ ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓުގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.