ޚަބަރު

އާމްދަނީއާއި ޚަރަދުގެ ސަރވޭ މާލެ ސަރަހައްދުގައި ކުރިޔަށް


  • މިއީ ކޮންމެ 5-6 އަހަރަކުން ކުރާ ދިރާސާއެއް

  • އަތޮޅުތަކުގައި ސަރވޭ ފަށާނީ ޖޫންމަހުގެ ތެރޭގައި

  • ސަރވޭގައި ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލު ބަލާނެ

އާމްދަނީއާއި ޚަރަދާއި ގުޅޭ ސަރވޭގައި 4000އަށްވުރެ ގިނަ ގޭބިސީއިން މަޢުލޫމާތު އެއްކުރާނެ ކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއްޖެއެވެ.

ގޭބިސީގެ އާމްދަނީއާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭއަކީ، ކޮންމެ 5 ނުވަތަ 6 އަހަރަކުން ކުރިއަށްގެންދާ ސަރވޭއެކެވެ.

އެންމެ ފަހުން އާމްދަނީއާއި ގުޅޭ ސަރވޭ ކުރިއަށް ގެންދިޔައީ 2019ވަނަ އަހަރުއެވެ. އަދި މިފަހަރުގެ ސަރވޭ ފެށީ، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިއީ، މުޅި ރާއްޖެ ހިމެނޭހެން ކުރިޔަށް ގެންދާ ސަރވޭއެކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓޭޓިސްޓިކްސްއިން ވިދާޅުވީ، މި ސަރވޭގެ ފުރަތަމަ ބުރު ފަށާފައިވަނީ މާލެގައި ކަމަށެވެ. މާލޭގެ ގޭބިސީތަކުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެއެވެ. މާލެއާއި ސިޓީތަކުން 2085 ގޭބިސީއިން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަތޮޅުތަކުގައި އާމްދަނީއާއި ގުޅޭ ސަރވޭ ފެށުމަށް ހަމަޖެހިފައިވަނީ، ޖޫންމަހުގެ ތެރޭގައެވެ. އަތޮޅުތަކުގައި ޖުމުލަ 2010 ގޭބިސީއިން މަޢުލޫމާތު އެއްކުރާނެއެވެ.

މިއާއެކު ޖުމުލަ 4095 ގޭބިސީއެއްގެ މަޢުލޫމާތު އެއްކުރާނެއެވެ.

މި ސަރވޭގައި މަޢުލޫމާތު ނަގަނީ، ވަކި ތަރުތީބެއް ނެތި ހޮވާލެވޭ ގޭބިސީތަކަކުންނެވެ.

ސަރވޭގެ މަޤުޞަދު:

ގޭބިސީގެ އެވްރެޖް ޚަރަދާއި އެކި ކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުން
ރާއްޖޭގެ ފަޤީރު ކަމުގެ މިންގަނޑު އެކުލަވާލުން
ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ (ސީ.ޕީ.އައި)ގެ ބުރަދަން އިސްލާހުކުރުން
ގޭބިސީގެ އެވްރެޖު އާމްދަނީއާއި ޚަރަދުތައް ބެހިފައިވާ ގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން

ޚަރަދުގެ މައުލޫމާތު:

ކުއްޔާއި ދިރިއުޅޭ ތަނުގެ މަޢުލޫމާތު
ފޯނު، ކަރަންޓު، ފެން ބިލު
ގޭބިސީގައި ބޭނުންކުރާ ހަރުމުދާ
ސިއްޙީ ޚަރަދުތައް
ދަތުރުފަތުރަށް ކުރާ ޚަރަދުތައް
ތަޢުލީމީ ޚަރަދުތައް
ކާބޯތަކެތީގެ ޚަރަދުތައް
ލޯނު އަދި ކްރެޑިޓް
އަންނައުނު
ފަރުނީޗަރު

ފަރުދުންގެ ޢާއްމު މަޢުލޫމާތު:

ތަޢުލީމު
ހިޖުރަކުރުން
އާމްދަނީ
މަސައްކަތުގެ މަޢުލޫމާތު

މި ސަރވޭގައި އެއްކުރާ ގޭބިސީ އަދި ވަކިވަކި ފަރުދުންގެ މަޢުލޫމާތުގެ ސިއްރު ހިފަހައްޓާނެއެވެ. އަދި މި މަޢުލޫމާތު ނަގާނީ ތަމްރީންކުރެވި، އެކަމުގެ ހުއްދަ ލިބިފައިވާ އޮފިސަލުންނެވެ.

މި ސަރވޭގެ ހޯދުންތައް ރިވިއުކޮށް، އެކަމުގެ ހޯދުންތަކުގެ ރިޕޯޓު މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކުރާނެއެވެ.