ޚަބަރު

އެސްޕަނިއޯލް ބަލިކޮށް ބާސެލޯނާ ލީގު ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި


ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ބާސެލޯނާގެ ސްޕޮޓިފައި ކޭމްޕް ނޯ ގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާ އިން ވަނީ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

ކެޓަލާންގެ ޑާރބީގެ ގޮތުގައި މަޝްހޫރުވެފައިވާ މި މެޗުގައި ބާސެލޯނާ އިން ލީޑު ނަގާފައިވަނީ މެޗުގެ 9 ވަނަ މިނިޓުގައި ލަމީން ޔަމާލް ދިން ޕާހަކުން ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

އަދި މެޗުގެ 25 ވަނަ މިނިޓުގައި ލަމީން ޔަމާލްގެ އިތުރު ޕާހަކުން ފެރާން ޓޮރޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ދެވަނަ ހާފަށް ނިކުތްއިރު ބާސެލޯނާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވީ ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 11 ވަނަ މިނިޓުގައި އެސްޕަނިއޯލްގެ ޕޮލް ލޮޒާނޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފަ އެވެ.

ބާސެލޯނާ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެުޗގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ލަމީން ޔަމާލް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން މާކަސް ރަޝްފޯޑް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްފަ އެވެ.

އުމުރުން 18 އަހަރާއި 272 ދުވަހުން ބާސެލޯނާ އަށް 100 މެޗު ކުޅެދީ މި މެޗުގައި ލަމީން ޔަމާލް ވަނީ އެ ކްލަބަށް 100 މެޗު ކުޅެދިން އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

މި މެޗުން ބާސެލޯނާ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ތާވަލުގެ ކުރީގައި 9 ޕޮއިންޓުގެ ލީޑެއް ހޯދާފަ އެވެ. ބާސެލޯނާއަށް 31 މެޗުން 79 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 70 ޕޮއިންޓެވެ.