ދިވެހި ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް މުޅިން އަލަށް އިމުގާ ޕޯޓަލްއިން ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށްދެވޭނެ އޮންލައިން ޕޯޓަލް އިމުގާ އިފްތިތާހްކުރީ 2020 ވަނަ އަހަރުއެވެ.
މޯލްޑިވްސް އިމިގްރޭޝަންއިން ވިދާޅުވީ، ދިވެހި ޕާސްޕޯޓާއި ގުޅުންހުރި 3 ޚިދުމަތެއް މިހާރު މުޅިން އަލަށް އިމުގާ ޕޯޓަލްއަށް ބަދަލުކޮށްފައިވާކަމަށެވެ. އެއީ ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ހުށައެޅުމާއި، ޕާސްޕޯޓް ކޮޕީއަށް އެދި ހުށައެޅުމުގެ އިތުރުން ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމެވެ.
ޕާސްޕޯޓުގެ ކަލެކްޝަން ޕޮއިންޓް ބަދަލުކުރަން ބޭނުންނަމަ މީގެކުރިން ޖެހެނީ ސިޓީ ފޮނުވާށެވެ. ނަމަވެސް މިހާރު އިމުގާ ޕޯޓަލްއިން ދިވެހި ޕާސްޕޯޓާއި ބެހޭ ބައިން އިތުރު ޚިދުމަތްތަކުގެ ބައިން އެކަމަށް އެދެވޭނެއެވެ.
ދިވެހި ޕާސްޕޯޓާއި ގުޅޭ 3 ޚިދުމަތަކަށް މިހާރު IMUGA މެދުވެރިކޮށް ހުށަހެޅޭނެ. pic.twitter.com/oKS4mqUH8P
— Maldives Immigration (@ImmigrationMV) April 12, 2026
ޕާސްޕޯޓް ކޮޕީއަށް އެދި ކުރިން އީމެއިލް ކުރަން ޖެހުނު ނަމަވެސް މިހާރު އިމުގާ ޕޯޓަލްގެ އެޕްލިކޭޝަން ބައިން އެކަމަށް އެދެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ކުރީގެ ޕާސްޕޯޓުގެ ތަފްސީލް ހޯދުމަށްވެސް ފަސޭހަކަމާއިއެކު މިހާރު އިމުގާ ޕޯޓަލްއިން އެދެވޭނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
"އިމުގާ" ޕޯޓަލްއަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް ލުއިފަސޭހަކޮށްދިނުމާއި ގާތުން ޚިދުމަތް ދިނުމުގެ ގޮތުން އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ޕޯޓަލްއެކެވެ. މިއޮންލައިން ޕޯޓަލް މެދުވެރިކޮށް އެކިކަހަލަ ވިސާތަކަށްވެސް ހުށައެޅޭނެއެވެ.