ޚަބަރު

ސަންޑަލެންޑްގެ އަތުންވެސް ޓޮޓްނަމް ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑް އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޓޮޓްނަމް ބަލިވެއްޖެ އެވެ.

ޓޮޓްނަމް ހޮޓްސްޕަރގެ ކޯޗު ކަމުން އިގޯ ޓޫޑޯ ވަކިކުރުމަށްފަހު އެ މަގާމާއި އަލަށް ހަވާލުވި އިޓަލީގެ ރޮބާޓޯ ޑެ ޒަރްބީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެފައިވާއިރު މި ނަތީޖާ އާއިއެކު އެ ޓީމަށް ވަނީ ރެލިގޭޝަނުގެ ބިރު ވަރަށް ބޮޑުވެފަ އެވެ.

44 ދުވަހަށްފަހު އީގޯ ޓޫޑޯ މަގާމުން ވަކިކޮށް ޑެ ޒަރްބީ ކޯޗު ކަމަށް ގެނައި ނަމަވެސް 2026 ވަނަ އަހަރުގެ އެއްވެސް މެޗަކުން ޓޮޓްނަމް އަށް ވަނީ އަދި މޮޅުވެވޭ ގޮތް ނުވެފަ އެވެ.

ލީގުގައި މިހާތަނަށް 32 މެޗުން ޓޮޓްނަމް އިން ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވާ 30 ޕޮއިންޓާއެކު އޮތީ ތާވަލުގެ 18 ވަނައިގައި ރެލިގޭޝަނުގެ ޒޯނުގަ އެވެ.

ސަންޑަލެންޑް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ޓޮޓްނަމް އިން ވަނީ އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް ހަތް ހަމަލައެއް ފޮނުވާލާފަ އެވެ. ނަމަވެސް ސަންޑަލެންޑްގެ ގޯލުކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި ޓޮޓްނަމް އަށް ވަނީ އެ ޓީމުގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.

ސަންޑަލޭންޑްގެ ސްޓޭޑިއަމް އޮފް ލައިޓްގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 61 ވަނަ މިނިޓުގައި ނޯޑީ މުކިއޭލޭ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ޓޮޓްނަމް އިން ދެން އެންމެ އަވަހަށް ލީގުގައި ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ބްރައިޓަން އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗެވެ.