ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮށި


  • މާލޭގައި 6 ވޯޓުފޮށި ބަހައްޓާނެ

  • 5 ދާއިރާއެއްގެ ވޯޓުލުން އޮންނާނެ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ދާއިރާތަކުގައި ދެވަނަ ބުރުގެ ވޯޓުނެގުމަށް ނިންމާފައިވަނީ އެ ދާއިރާތަކަށް އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ މީހުންނަށް އެއްވަރަކަށް ވޯޓު ލިބިފައިވާތީއެވެ.

ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

މި އިންތިޚާބުގެ ފުރަތަމަ ބުރުގައި މާލެ ސަރަޙައްދުގައި ރަޖިސްޓްރީވެފައިވާ ރައްޔިތުން ރީ-ރަޖިސްޓަރ ނުކުރާނަމަ ވޯޓުލާން ޖެހޭނީ މާލޭގައި ބަހައްޓާފައިވާ ވޯޓުފޮށިތަކަށެވެ. އަދި ވޯޓުނަގާ ރަށް ނޫން އެހެން ރަށެއްގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ރީ-ރަޖިސްޓްރީ ނުކުރާނަމަ އެ މީހުންގެ ރަޖިސްޓްރީ އޮންނާނީ ދާއިމީ އެޑްރެސް އޮތް ރަށެއްގައެވެ.