ޚަބަރު

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކުރަނީ


  • ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވޭނެ

  • ލޭ އެޅުމަށް ބޭނުންވާ ލެބޯޓަރީ ޚިދުމަތްތައް 108 ރަށެއްގައި ވަނީ ގާއިމުކޮށްފައި

ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިންކޮށް ބަލާލެވޭގޮތް ހެދުމަށް ޚާއްސަ ވެބްސައިޓަކާއި އެޕްލިކޭޝަނެއް ތަޢާރަފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ލޭގެ ޚިދުމަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ލިޔުމުން ފޮނުއްވެވި ޖަވާބުގައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ލޭގެ ބަލިތަކަށް ޚާއްސަކުރެވިގެން، ވަށާޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ލޭގެ ޤައުމީ ޚިދުމަތުގެ ނިޒާމު ޤާއިމުކޮށް މިހާތަނަށް ރާއްޖޭގެ 4 ސަރަހައްދެއްގައި ބްލަޑް ބޭންކު ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ތެލެސީމިއާ ކުދިންނާއި އެހެނިހެން ޞިއްޙީ ބައެއް ބޭނުންތަކަށް ގަވާއިދުން ލޭ އަޅަންޖެހޭ ފަރާތްތަކަށް ލޭ އެޅުމުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ހަމަޖައްސައި ލޭ އެޅުމަށް ބޭނުންވާ ލެބޯޓަރީ ޚިދުމަތްތައް 108 ރަށެއްގައި ޓްރާންސްފިއުޝަަން ސެންޓަރުގެ ގޮތުގައި ގާއިމުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކޮށް އެއް ވިއުގައަކުން ގުޅާލުމަށް ބައިނަލްއަގުވާމީ މިންގަނޑާ އެއްގޮތްވާގޮތުގެ މަތިން ލޭ އެޅުމާއި ލޭ ހަދިޔާ ކުރުމުގެ ކަންކަން ހަމަޖެއްސުން މުހިންމު ކަމަށެވެ. އެހެންވެ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފަންނީ އެހީތެރިކަމާއެކު "ނޭޝަނަލް ބްލަޑް ސްޓޭންޑަޑް" މިހާރު އެކުލަވާލައި ނިންމާލާފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތަކީ ބައިނަލްއަގުވާމީ މާހިރުންނާއި ރާއްޖޭގެ ކަމާގުޅޭ އިސް ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު 2 އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު ބޮޑު މަސައްކަތެއް ކަމަށާއި މި މަސައްކަތުގެ ދަށުން ހުރިހާ ޓްރާންސްފިއުޝަން ސެންޓަރުން ފޯރުކޮށްދޭ ލޭގެ ޚިދުމަތުގެ މުހިންމު ތަފާސްހިސާބުތައް ފެންނާނެހެން ޑީއެޗްއައިއެސް 2 ސޮފްޓްވެއާގެ މޮޑިއުލެއް ޚާއްސަ ގޮތްތަކަކަށް ފަރުމާކުރެވި، ލޭ ދޭ ފަރާތްތައް ގިންތި ކުރެވި ތަފާސްހިސާބުތައް ވަގުތުން ބަލާލެވޭނެ ނިޒާމެއް ގާއިމުކުރެވިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ނާޒިމް ވިދާޅުވީ ތެލެސީމިއާ ކުދިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވުމާއި ރަޖިސްޓްރީ ބެލެހެއްޓުން ވަންގަވް މެދުވެރިކޮށް މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ބަލަހައްޓަމުންދާއިރު ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ ރަޖިސްޓްރީ އޮންލައިން ސިސްޓަމަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް މިހާރު ފަށާފައިވާ ކަމަށެވެ. އެގޮތުން، ޑޯނަރ ރަޖިސްޓްރީއާއި ޑޯނަރ ރެކްރޫޓްމަންޓް ވެބްސައިޓާއެކު ޚާއްސަ އެޕްލިކޭޝަނެއް މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މި ޚިދުމަތްތައް ޒަމާނީ ކުރުމުގެ ސަބަބުން ޖަމްޢިއްޔާ ޖަމާޢަތްތަކާއި ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ތެރެއިން ލޭ ހަދިޔާ ކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ލޭގެ ގްރޫޕް ހިމެނޭގޮތަށް ރަޖިސްޓްރީވުމާއި ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތައް އިންތިޒާމުކުރުމާއެކު ލޭގެ ގްރޫޕްތައް ލިބެން ހުރި ސަރަހައްދުތައް މެޕް ކުރެވިފައިވާ ޤައުމީ ޑޭޓާބޭސްއެއް ވުޖޫދުވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ލޭ ހޯދުމުގައި ދިމާވެފައިވާ ދަތިތަކަށް ވަށާޖެހިފައިވާ ހައްލެއް ލިބޭނެ ކަމަށްވެސް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވިއެވެ.