ޚަބަރު

ފްލައި ދުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ކުރަނީ


  • މިއީ "ކާގޯ އިން ކެބިން" ދަތުރުތަކެއް

  • ދަތުރުތައް ފަށާނީ މިމަހުގެ 16ވަނަ ދުވަހު

ފްލައި ދުބާއީއިން ރާއްޖެއަށް ކާގޯ ދަތުރުތަކެއް ފަށަން ތައްޔާރުވެއްޖެއެވެ. ފްލައި ދުބާއީއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީގެ އެއަރލައިނެކެވެ.

ފްލައިދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، މިއީ މަތިންދާބޯޓުގެ ކެބިންއަށް މުދާ ބަރުކޮށްގެން ކުރާ "ކާގޯ އިން ކެބިން" ދަތުރުތަކެއްކަމަށެވެ. މިފަދަ ކާގޯ ދަތުރުތައް އާންމުކޮށް ނުކުރާކަމަށާއި ނަމަވެސް ކޯވިޑްގެ ދުވަސްވަރު މިފަދަ ދަތުރުތައް ބައެއް އެއަރލައިންތަކުން ރާއްޖެއަށް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16އިން ފެށިގެންނެވެ. އެގޮތުން ޝެޑިއުލްގައިވާގޮތުން މިމަހުގެ 29ވަނަ ދުވަހުގެ ނިޔަލަށް މި ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓް (ޑީޑަބްލިއުސީ) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި ރާއްޖެއަށް ގެންނަންޖެހޭ ކޮންޓެއިނަރުތައް ކްލިއާކޮށް، ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އިޤަތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. މި ދަތުރުތަކަކީވެސް ވަޒީރުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ވަޒީރު ސައީދު ވިދާޅުވީ، މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް ލަންކާ ބަނދަރުގައި 4,241 ކޮންޓެއިނަރު ތާށިވެފައި ހުރި ނަމަވެސް، މިހާރު އެ އަދަދު ވަނީ 1,741 އަށް ދަށްކުރެވިފައިވާ ކަމަށެވެ. ވައިގެމަގުންނާއި ކަނޑުމަގުންވެސް ރާއްޖެއަށް މުދާ ގެނައުމުގެ މަސައްކަތް ސަރުކާރުން މި ދަނޑިވަޅުގައިވެސް ހުއްޓުމެއްނެތި ކުރައްވަމުންނެވެ.