މޮރިޝަސްއަށް ފޯޅަވަހި ދިނުން މަޑުޖައްސާލަން އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.
އިނގިރޭސިވިލާތުގެ ބެލުމުގެ ދަށުގައި އޮތް ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމާ ގުޅޭ ބިލެއް އެޤައުމުގެ ސަރުކާރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ، ހައުސް އޮފް ލޯޑްސްއަށް ފޮނުވާފައެވެ. އެ ބިލުގެ ބަހުސް ފަށަން ތައްޔާރުވެފައިވަނިކޮށް އެ ބަހުސްތައް މަޑުޖައްސާލަން ނިންމީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކަމާ ފާޅުގައި ދެކޮޅު ހައްދަވައި، ފާޑުވިދާޅުވުމާ ގުޅިގެންނެވެ.
ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެން އަންނަ ދައުރަށް ސަރުކާރުން ހުށަހަޅާ ބިލުތަކުގެ ތެރޭގައި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ގުޅޭ ބިލު ހިމަނާފައެއް ނުވެއެވެ.
މި ނިންމުމަށް މަރުޙަބާ ކިޔައި ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް ދިނުމާ ގުޅޭ މަޝްވަރާތަކަށް ފުރުސަތު ލިބިގެންދިޔަ ނިންމުމެއް ކަމަށެވެ. އަދި މި މައްސަލައިގައި ހަމަހަމަކޮށް އަމަލުކޮށް، ރާއްޖޭގެ ޙައްގުތައް ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ހަމަޖެހުން ޤާއިމުކުރުމަށް ގޮވާލައްވާކަމަށްވެސް ރާއްޖޭން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
މި ބަޔާނުގައި ރާއްޖޭން ވަނީ ފޯޅަވަހީގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތްކަންވެސް ފާހަގަކުރައްވައި އެ ރަށްތައް ލިބުން ޙައްގީ ރާއްޖެއަށްކަން ފާހަގަކުރައްވާފައެވެ.
ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރީޝަސްއިން ދައުވާކުރާއިރު މޮރިޝަސްއާއި އެ ޤައުމުގެ ވެރިރަށް ޕޯޓް ލުއީ އޮންނަނީ ފޯޅަވައްސާ ގާތްގަނޑަކަށް 1،300 މޭލު ދުރުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ވެރިރަށް މާލެއާއި ފޯޅަވައްސާ ދެމެދު ހުރީ އެންމެ 310 މޭލުގެ ދުރުމިނެކެވެ.
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަކީ ލިޔެކިޔުންތަކުން ސާބިތުވާން ހުރި ކަންކަމެވެ. ފޯޅަވަހީން ފެނިފައިވާ، ދިވެހިބަހުން ލިޔެ ކަނޑާނަގާފައިވާ މަހާނަގާތަކަކީ އެތައް ޒަމާނެއް ވަންދެން އޮތް ގާތް ގުޅުމުގެ ހެކިތަކުގެ ތެރެއިން ވަރަށް ބޮޑު ހެއްކެވެ. މި މަހާނަ ގައުތަކާ ރާއްޖޭގެ އެހެން ރަށަތަކުން ފެންނަން ހުރި ކުރީގެ މަހާނަ ގައުތަކާ އެއްވެސް ތަފާތެއް ނެތެވެ.
މީގެ އިތުރުން، އެތައް ގަރުނެއްވީ ދިވެހި ފުލޯކު ވާހަކަތަކުންވެސް ދަތުރުވެރިންނާއި މަސްވެރިން އެ ރަށްރަށުގައި ތިބިކަމުގެ ވާހަކަތައް އެނގެން އެބަހުއްޓެވެ. 16 ވަނަ ގަރުނުގެ ދިވެހި ރަސްކަލެއްގެ ފަތްކޮޅެއްގައި ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު އޮތްކަން ބަޔާންކޮށްފައިވެއެވެ. މިއީ މޮރިޝަސްގައި އިންސާނުން އާބާދުވުމުގެ 100 އަހަރަށްވުރެ ކުރީގެ ތާރީޚެކެވެ.
ކާބަން-ޑޭޓިންގް ބޭނުންކޮށްގެން ހޯދާފައިވާ އާސާރީ ހެކިތަކުގެ އިތުރުން، 1970ގެ އަހަރުތަކުގައި އިނގިރޭސި-އެމެރިކާ އަސްކަރީ މަރުކަޒު ހެދުމަށްޓަކައި އެ ރަށްތަކުން މަޖުބޫރުން ބޭރުކޮށްލި ފޯޅަވަހީގެ އަސްލު ވަޒަންވެރިންގެ ޑީ.އެން.އޭއިން އެމީހުންގެ ކިބައިގައި ދިވެހި ނަސްލާއި ކްރިއޯލް ނަސްލުގެ ހިއްސާ އޮތްކަން ހާމަވެއެވެ.