ޚަބަރު

މާޒިޔާ ދޫކޮށް، ހަމްޒާ ބަދަލުވަނީ ކޮން ޓީމަކަށް؟


  • ހަމްޒާ އަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޑިމާންޑުބޮޑު އެއް ކުޅުންތެރިޔާ

  • މާޒިޔާ އާއިއެކު އެއްބަސްވުން އައުނުކުރަން ހަމްޒާ ވަނީ ނިންމާފައި

ރާއްޖޭގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމަށްވާ ހަމްޒާ މުޙައްމަދު (ހަމްޕު) މިވަނީ، ކެރިއަރުގެ ބޮޑުބައެއް އެ ކުލަބެއްގައި ހޭދަކުރި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ދޫކޮށްލަން ނިންމާފައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ސްޓްރައިކަރު ކަމަށްވާ ހަމްޒާ މާޒިޔާއާ ގުޅުނީ 2018 ވަނަ އަހަރުއެވެ. ފާއިތުވީ ހަތް އަހަރު މާޒިޔާއިން ހޯދި ކާމިޔާބީތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ، އުމުރުން 31 އަހަރުގެ ހަމްޒާ ބުނީ، މާޒިޔާ ދޫކޮށްލުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އެ ކްލަބަކީ އޭނާގެ ދެވަނަ ގެ ކަމަށެެވެ. އަދި، މިހާރު އޭނާ ހުރި ހިސާބަށް ވާސިލްވުމަށްޓަކައި، މާޒިޔާ އަކީ މުހިންމު ގިނަ ކަންތައްތަކެއް ފަހިކޮށްދިން ކްލަބެއް ކަމަށް، ކްލަބް ދޫކޮށްލަން ނިންމާފައިވާކަން ހާމަކޮށް ކޮށްފައިވާ މީސްމީޑިއާ ޕޯސްޓުގައި ހަމްޒާ ވަނީ ބުނެފައެވެ.

ބ. އޭދަފުށްޓަށް ނިސްބަތްވާ ހަމްޒާ ބުނީ، މާޒިޔާއަށް އޭނާގެ ހިތުގައި އަބަދުވެސް ހާއްސަ މަގާމެއް ދެވިފައި އޮންނާނެ ކަމަށެވެ. އަދި މާޒިޔާގައި ހޭދަކުރި ދުވަސްތައް، ދުވަހަކު ވެސް ހަނދާން ނުނެތޭނެކަމަށް އޭނާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ޤައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭ ހަމްޒާ، މާޒިޔާ ދޫކޮށްލަން ނިންމާފައިވާކަން "ޕީއެސްއެމް ނިއުސް" އަށް ވެސް އޭނާ ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އޭނާ ބަދަލުވާނެ ކުލަބެއް އަދި ނިންމާފައި ނުވާކަމަށް ހަމްޒާ ބުނެފައިވެއެވެ.

މާޒިޔާއާއެކު ހަމްޒާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން އެ އެއްބަސްވުން އައުނުކުރަން އޭނާ ނިންމާފައިވާއިރު، އަދި ބަދަލުވާ ޓީމަކާ ގުޅޭގޮތުން އޭނާ ވެސް އަދި ކުލަބަކުން ވެސް ރަސްމީ ސިފައެއްގައި ބަހެއް ބުނެފައި ނުވާއިރު، އިތުބާރު ހުރި މަސްދަރަކުން "ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދޭ ގޮތުގައި، ހަމްޒާގެ ސޮއި ހޯދުމަށް އެންމެ ގަދައަށް މަސައްކަތްކުރާ އެއް ކުލަބަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.

ސަސްޕެންޝަނުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ފުޓުބޯޅައިގެ ހަރަކާތްތަކުން އެއްކިބާވެފައި އޮތުމަށްފަހު އަލުން ފުރަތަމަ ޑިވިޝަނަށް އައުމަށް ލިބުނު ފުރުސަތުގައި ވާދަކޮށް، އެންމެ ބޭނުންވި ނަތީޖާ ވިކްޓްރީއަށް ނެރެވިފައެއް ނުވެއެވެ. އެހެންކަމުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމަށް ވިކްޓްރީން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

"ޕީއެސްއެމް ނިއުސް" އަށް މައުލޫމާތުދިން ފަރާތުން ބުނެފައިވަނީ ވިކްޓްރީއާްއި ހަމްޒާއާ ދެމެދު މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ. އެހެންނަމަވެސް މިކަން ހަމްޒާ ވެސް އަދި ވިކްޓްރީން ވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެ ކުލަބަކާއެކު ހަމްޒާ ސީނިއަރ ކެރިއަރު ފެށި އަދި ވިކްޓްރީއާ އެންމެ ވާދަވެރި، ނިއުރޭޑިއަންޓުން ހަމްޒާ ގެންނަން މަސައްކަތް ނުކުރާކަމަށް، އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ "ޕީއެސްއެމް ނިއުސް" އަށް ކަށަވަރުކޮށްދެއްވާފައެވެ. އަދި މާޒިޔާއަށް މި ސީޒަނުގައި ކުޅެފައިވާ އެއްވެސް ފޯވާޑަކު، އަންނަ ސީޒަނުގައި ނިއުގެ ޖާޒީގައި ނުފެންނާނެކަމަށް ވެސް މުބީން ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޑިމާންޑު ބޮޑު އެއް ކުޅުންތެރިޔާގެ ގޮތުގައި ހުރި ހަމްޒާއާ އެކަށީގެންވާ މުސާރައެއް ދިނުމުގެ ގާބިލުކަން އޮތް ތިން ކުލަބުގެ ތެރެއިން މާޒިޔާ ދޫކޮށްލަން ހަމްޒާ ނިންމާފައިވާތީއާއި، ނިއުއިން ހަމްޒާ ގެންނަން މަސައްކަތް ނުކުރާކަން އެ ކުލަބުން ހާމަކޮށްފައިވުމާއެކު، ހަމްޒާ އަންނަ ސީޒަނުގައި ފެނުން އެންމެ ގާތީ ވިކްޓްރީގެ ޖާޒީގައިކަމަށް ބެލެވެއެވެ.

ނިއުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެހެންނަމަވެސް އެ ޓީމާ އެކު އެއްބަސްވުމެއް ނުހެދިގެން އުޅެނިކޮށް އޭނާ ސޮއިކުރީ ނިއު އަށެވެ.