ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މިއަދު 10 ވަޒީރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
- ޚާރިޖީ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް
- ދިފާޢީ ވަޒީރުގެ މަޤާމުގައި ހުންނެވި މުހައްމަދު ޣައްސާން މައުމޫން
- ސިއްޙީ ވަޒީރުގެ މަޤާމުގައި ހުންނެވި އަބްދުﷲ ނާޒިމް އިބްރާހިމް
- އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އައިޝަތު ޝިހާމް
- ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ޝަރީފް އުމަރު
- ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ
- ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ވަހީދު
- ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ތޯރިގް އިބްރާހިމް
- މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި ޑރ. އަލީ ހައިދަރު
- ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރުގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް
ރައީސް އޮފީހުން ވިދާޅުވީ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ. މި އިސްތިއުފާތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤަބޫލުފުޅުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.