ކުރިއަށް އޮތް ސީޒަނުގައި ބެންފީކާއިން ބޭނުންވާނަމަ އެ ޓީމުގެ ކޯޗުކަމުގައި ހުރެދޭނެ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ 2027 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހަދާފައި އޮތް ނަމަވެސް އޭނާގެ މަގާމާމެދު ސުވާލު އުފައްދަމުންދާތީ އެވެ. ސަބަބަކީ ބޮޑެތި ކުލަބުތަކުން ވެސް މޮރީނިއޯ އަށް ހުށަހެޅުން ލިބެމުންދާތީ އެވެ. މީގެ ތެރޭގައި އޭނާގެ ކުރީގެ ކުލަބު ސްޕޭނުގެ ރެއާލް މެޑްރިޑް ވެސް ހިމެނޭ ކަމަށް ސްޕޭނުގެ މީޑިއާތަކުން ބުނެ އެވެ. ނަމަވެސް މޮރީނިއޯ މިކަން ދޮގުކުރެ އެވެ.
"އަހަރެންގެ ފަރާތުން ބުނަން އޮތީ ކުލަބުގައި ހުންނާކަށް ވަކި ކަމަކަށް ޑިމާންޑެއް ނެތޭ. ކުލަބުން ބޭނުންވާނަމަ އަހަރެން މިހުރީ މަޑުކޮށްދޭން،" މޮރީނިއޯ ބުންޏެވެ.
އިޓަލީގެ އިންޓަމިލާނާއި ޕޯޗުގަލްގެ ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްދިން ކޯޗުގެ ކޮންޓްރެކްޓް 2027 ވަނަ އަހަރާ ހަމައަށް އޮތް ނަމަވެސް އެގްރީމަންޓް ބާތިލް ކުރެވޭނެ މާއްދާއެއް ވަނީ ހިމަނާފަ އެވެ. މި މާއްދާގައިވާ ގޮތުން މި ސީޒަނަށް ފަހު މޮރީނިއޯ އަށް ވެސް ބެންފީކާ އަށް ބޭނުންވާނަމަ އެގްރީމަންޓް ނިމުމަކަށް ގެނެވިދާނެ އެވެ.
ބެންފީކާގެ ކުޅުންތެރިންގެ ތެރެއިން ފޯވަޑް ވަންގެލިސް ޕަވްލިޑިސް ބުނީ ކޯޗުކަމުގައި މޮރީނިއޯ މަޑުކޮށްފިނަމަ އޭނާ ވެސް ކުލަބު ދޫކޮށް ނުދާނެ ކަމަށެވެ.
"އެއީ ހާއްސަ މީހެއް. މޮރީނިއޯއާ ބެހޭ ގޮތުން ބުނާނެ މާގިނަ ވާހަކަތަކެއް ނެތް. އޭނާ އަކީ ފުޓްބޯޅައިގެ މީހެއް. މި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ތިބީ އޭނާއާ މެދު ހިތްހަމަ ޖެހިގެން. އޭނާ ހުރެފިނަމަ އަހަރެން ވެސް ޔަގީނުން ވެސް ނުދާނަން،" ފޯވަޑް ބުންޏެވެ.
ބެންފީކާއާ މޮރީނިއޯ ހަވާލުވި ފަހުން ޕޯޗުގަލް ލީގުގައި އެ ޓީމު ބައްޔެއްނުވެ އެވެ. ނަމަވެސް މި ވަގުތު ޓީމު އޮތީ ތާވަލުގެ ދެ ވަނާގަ އެވެ. ސީޒަނުގެ ކުރީކޮޅު ޓީމާ ހަވާޅުވި މޮރީނިއޯ ކުރިން ބުނީ މި ޓީމަކީ އޭނާ ތައްޔާރުކުރި ޓީމެއް ނޫން ކަމަށާއި އޭނާ އަށް ކުޅުންތެރިން ހޯދަން ފުރުސަތު ލިބުނުނަމަ މިއަށްވުރެ ޓީމު ފުރިހަމަވާނެ ކަމަށެވެ.