ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގައި 6093 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވޯޓު ފޮށިތައް ބަހައްޓާނެ ތަންތަނާއި ވޯޓުލުމަށް އެ ވޯޓުފޮށިތަކުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓު އާންމުކޮށްފައެވެ. މި ލިސްޓުތަކުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ ފުރުސަތު މިއަދު މެންދުރު 12:00 އިން އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސޮއިކުރުން ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާބެހޭ މަރުކަޒުގައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން 5 ދާއިރާއެއްގައި ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 14 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އެއީ ދެވަނަ ބުރަށް ދިޔަ ދާއިރާތަކާއި މާލޭގައެވެ. އެގޮތުން، ކެލާ އާއި މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ފޮއްޓެއް ބަހައްޓަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި ފޮށިތަކުގައި 6093 މީހަކު ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކައެވެ. އެގޮތުން، ކެލާ އިންތިޚާބުގައި 1729 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބޭއިރު ނޭކުރެންދޫ އިންތިޚާބުގައި 1،056 މީހުންނަށް، ދޮންފަނު އިންތިޚާބުގައި 441 މީހުންނަށް، މާވަށު އިންތިޚާބުގައި 1،556 މީހުންނަށް އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ އިންތިޚާބުގައި 1،311 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.
މި ދާއިރާތަކަށް މާލޭގައި 6 ވޯޓު ފޮށި ބަހައްޓާނެއެވެ. މީގެ ތެރޭގައި ކެލާ އަދި ދޮންފަނުގެ ރައްޔިތުން ވޯޓުލުމަށް ޚާއްސަކޮށްފައިވާ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި ބަހައްޓާއިރު، ނޭކުރެންދޫ އާއި މާވަށުގެ ވޯޓުފޮށިތައް ހިރިޔާ ސްކޫލުގައި އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓުފޮށި ދަރުމަވަންތަ ސްކޫލުގައި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.