ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އީރާނާ ގުޅުން އޮތް ދެ ތެޔޮ އުފުލާ އުޅަނދަށް އެމެރިކާގެ އަސްކަރިއްޔާއިން ހުރަސްއަޅައިފިއެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާންގެ ބަނދަރުތައް ޙިޞާރުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންވުން އެމެރިކާގެ އަސްކަރިއްޔާއިން ތަންފީޒުކުރަން ފަށާފައި ވަނީ އެޕްރީލު 14 ވަނަ ދުވަހުއެވެ.
ނަން ހާމަނުކުރުމަށް ޝަރުޠުކޮށް މީޑިޔާއަށް މަޢުލޫމާތު ދިން އެމެރިކާގެ އޮފިޝަލަކު ބުނީ، ޢުމާން ކަނޑުގެ އައްސޭރިފަށުގެ ބަނދަރަކުން ފުރައިގެން ދަތުރުކުރި ދެ އުޅަނދަކަށް އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ހުރަސްއަޅައި، އެނބުރި އީރާނުގެ ބަނދަރަށް ވަނުމަށް މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. މިއީ، ދުނިޔޭގެ ތެލުގެ ވިޔަފާރީގެ %20 އުފުލާ މި ކަނޑުއޮޅި ހުޅުވައިލުމަށް ތެހްރާނަށް ބާރުއެޅުމުގެ ގޮތުން ޓްރަމްޕް ފެށްޓެވި ޙިޞާރުގެ ދަށުން ހިންގާފައިވާ ޖަރީމާއެކެވެ. އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޞަހްޔޫނީ ދައުލަތުގެ އުޅަނދުފަހަރަށެވެ.
ޔަހޫދީ ފައުޖާ ގުޅިގެން ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓްރަމްޕް ހުށަހަޅުއްވާފައިވާ ޝަރުޠުތަކުގެ ތެރޭގައި ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުން ހިމެނެއެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ބުނީ، އެޕްރީލު 14 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އެއްވެސް އުޅަނދަކަށް މި ޙިޞާރު ފޫއަޅުވައިލުމުގެ ފުރުޞަތު ދީފައިނުވާނެ ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ނޫހެއް ކަމުގައިވާ ވޯލް ސްޓްރީޓް ޖަރނަލުން ރިޕޯޓުކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި 20 އަށްވުރެ ގިނަ ވިޔަފާރި އުޅަނދު ވަނީ ހުރްމުޒް ހުރަސްކޮށް ދަތުރުކޮށްފައެވެ.
ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާންގެ ބަނދަރުތަކުގެ ޙިޞާރު ތަންފީޒުކުރުމަށް އެމެރިކާގެ 10,000 އަށްވުރެ ގިނަ ސިފައިންނާއި، ދޮޅަހަކަށްވުރެ ގިނަ އަސްކަރީ މަނަވަރު ދަނީ ހަރަކާތްތެރިވަމުންނެވެ. މަސްރަޙު ދިރާސާކުރާ މާހިރުން ބުނީ، ޓްރަމްޕްގެ މި އަމަލަކީ ހަނގުރާމައިގެ އަމަލެއް ކަމުގައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާއިރު، ރައްދުގައި އީރާނުން ގަލްފް ޢަރަބި ޤައުމުތަކުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިން ތިބި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިތުރު ޙަމަލާތަކެއް ދިނުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.